ކްރިމިނަލް ކޯޓުގެ ގާޒީއަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފިއެވެ.
އެނގިފައިވާ ގޮތުގައި ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުން ބަލަން ނިންމާފައިވަނީ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ޙަސަން ނަޖީބުއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާންގެ ސުލޫކީ މައްސަލަތަކެކެވެ.
ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ގާޒީއަކާއި، ހައިކޯޓުގެ ފަނޑިޔާރެއްގެ މައްސަލަތަކެއް އެ ކޮމިޝަނަށް ހުށަހެޅުމުން، މިއަދު ބޭއްވި ބައްދަލުވުމުން އެ މައްސަލަތައް ބަލަން ނިންމައި ކޮމެޓީއަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލަތައް ބައްލަވާ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނައިބު ރައީސް އަލްއުސްތާޛު މަސްތޫރު ހުސްނީއާއި، މެންބަރު އަލްއުސްތާޛު މުޙައްމަދު އީސާފުޅުގެ އިތުރުން މެންބަރު އަލްއުސްތާޛު ޢަބްދުލްޙައްނާން ޢަޙްމަދު ކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.
މައްސަލަ ބަލަމުންދާ ފަރާތްތަކުގެ ތެރެއިން ކްރިމިނަލް ކޯޓުގެ ގާޒީގެ އެއް މައްސަލައަށްވުރެ ގިނަ މައްސަލަތަކެއް އެ ކޮމިޝަނުން ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މިދެބޭފުޅުންގެ މައްސަލަތައް ބަލަން ފެށިގެން ޖޭއެސްސީ އިން ހާމަކުރެއްވިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީއާއި، އިތުރު ގާޒީންގެ މައްސަލަތަކެއްވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.



