އަންނަ އަހަރު ނިމިގެންދާއިރު ރާއްޖޭގެ ކޮންމެ ރަށެއްގެ އާބާދީގެ ނިސްބަތުން އެރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއީ ރަށްރަށުގެ ރައްޔިތުންގެ މެދުގައި އޮތް ބޮޑު ކަންބޮޑުވުމަކަށް ހައްލެއް ގެނައުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ. މިހާރުވެސް ގިނަ ރަށްރަށުގައި އެކަށީގެންވާ ލެބޯޓަރީ ޓެސްޓުތައް ހެދޭނެ އިންތިޒާމު ނެތުމުގެ ސަބަބުން، ރައްޔިތުން ޓެސްޓުތައް ހެދުމަށް މާލެއަށް ނުވަތަ ބޮޑެތި ހޮސްޕިޓަލްތައް ހުންނަ ރަށްރަށަށް ދަތުރުކުރަން މަޖުބޫރުވެފައިވެއެވެ.
މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ފައްޓަވާފައިވާކަން ހާމަކުރައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އަންނަ އަހަރު ނިމިގެންދާއިރު ކޮންމެ ރަށެއްގައިވެސް އާބާދީއާ ގުޅޭ ލެބޯޓަރީ ޚިދުމަތް ލިބެން ހުންނާނެކަމަށެވެ. އެގޮތުން މިހާރު ހުރި ލެބޯޓަރީތައް އަޕްގްރޭޑްކޮށް، އެތަންތަނަށް ބޭނުންވާ މުވައްޒަފުންނާއި ވަޞީލަތްތައް ފޯރުކޮށްދީގެން ކޮންމެ ރަށެއްގައިވެސް މިޚިދުމަތް ފުޅާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "މިއަންނަ އަހަރު ނިމޭއިރު އެރަށެއްގެ އާބާދީގެ ނިސްބަތުން ހުންނާނެ ލެބޯޓްރީއެއް. އަޕްގްރޭޑްކުރެވިފައި އަދި މުވައްޒަފުން ހަމައަށް ތިބޭނެ ލެބޯޓަރީއެއް ހުންނާނެ ކޮންމެ ރަށެއްގައިވެސް." ރައީސް ވިދާޅުވިއެވެ.
ސިއްޙީ ޚިދުމަތްތައް ރާއްޖޭގައި ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި 15 ރަށެއްގައި ސީޓީ ސްކޭންގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރު އެމްބިއުލާންސްގެ ޚިދުމަތް އެއްގަމާއި ކަނޑުން އަދި ވައިގެ މަގުންވެސް ފުޅާކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިއްޙީ ދާއިރާގެ ތަރައްޤީއަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިދިޔަ އަހަރު އެންމެ ގިނަ މުވައްޒަފުން ވަޒީފާއަށް ނެރެވުނު އެއް ދާއިރާއަކީ ސިއްޙީ ދާއިރާކަމަށާއި، މިއަހަރުވެސް އެކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. ސިއްޙީ ދާއިރާއަށް ބޭނުންވާ ދިވެހީން ހޯދުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ ރައީސްވަނީ ޒުވާނުން މިދާއިރާގައި ހުރި ވަޒީފާތަކަށް އިސްނަގައިގެން ނުކުތުމަށް އިލްތިމާސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ސިއްޙީ ދާއިރާގެ ގިނަ ކަންކަން ބޮއްސުންލައިގެން ގޮސްފައިވަނީ އެދާއިރާ ވީރާނާވާން ދޫކޮށްލާފައި ގިނަ ޒަމާންތަކެއް ވަންދެން އޮތުމުންކަމަށެވެ. އެހެންނަމަވެސް، މިސަރުކާރުގެ ދައުރު ނިމިގެންދާއިރު ސިއްޙީ ދާއިރާއިން ބޮޑު ބަދަލެއް ފެނިގެންދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.



