އިސްލާމިކް ޔުނިވަރސިޓީ ކައިރިން ކުޑަކުއްޖަކު ހައްޔަރު ކުރުމުގައި ބާރުގެ ބޭނުންކޮށްފައިވަނީ، ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ގުރޫޕަކުން އަރައިގަތުމުން ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ރޭ 21:15 ހާއިރު، އެސްއޯ ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އިސްލާމިކް ޔުނިވަރސިޓީގެ ކަންމަތީގައި ހަތަރު މީހުންގެ ގުރޫޕެއް ތިބުމުން، ފުލުހުން އެމީހުންނާ ވާހަކަދައްކައި އެސަރަހައްދުން ދިއުމަށް ނަސޭހަތްދިނުމުން، އެމީހުން އެސަރަހައްދުން ގޮސްފައި ނުވާކަމަށެވެ.
އެ ގްރޫޕްގެ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ޝައްކުކުރެވިގެން، އެމީހުން ޗެކް ކުރަން އުޅުމުން އެތަނުން އެކަކު ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުހުން ކޮއްޕާލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
"ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުގެ ތެރެއިން، ދެން ތިބި މީހުން ވަނީ ފުލުހުންނާ ދިމާލަށް އެއްފަހަރާ އަރައިގެންފައި. އެވަގުތު ތަން ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބެލި ބެލުމުން، އެއީ 18 އަހަރު ނުހފުރޭ ކުޑަ ކުއްޖެއް ކަމަށް ފާހަގަކުރެވިގެން، އެކުއްޖާ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުން މިހެން ވިދާޅުވިއިރު، ފުލުހުން ރޭ ކުޑަކުއްޖަކަށް އަނިޔާކުރިކަމަށް ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވެއެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންދާއިރު، ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ފުލުހުން ބަލަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.




