ދިވެހިރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ 14 ވަނަ އަހަރީ ދުވަހުގެ ތަޙުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ފޮނުއްވައިފިއެވެ.
އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ވަނީ އެ ޕާޓީގެ މާލޭގެ މައި ޖަގަހަ ކުރިމަތީގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ޤައުމީ ދިދައާއި ޕާޓީގެ ދިދަ ނަގާފައިވާއިރު، މި ރަސްމިއްޔާތުގައި ޕާޓީގެ އިސް ވެރިންނާއި، އާއްމު މެންބަރުން ބައިވެރިވެފައިވެއެވެ.
އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަހުގެ ތަޙުނިޔާ އަރިސްކޮށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ވެރިޔާ ކުރެއްވި ޓްވޯޓެއްގައި ވިދާޅުވީ، ޕާޓީގެ އެހާރާއި މިހާރުގެ މެންބަރުންނަށް ތަޙުނިޔާ އަރިސްކުރައްވާ ކަމަށެވެ.
ރައީސް ޞޯލިޙް ވިދާޅުވީ، ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެނައުމަށް މި ވޭތުވެދިޔަ 14 އަހަރު ޕާޓީގެ ހުރިހާ މެންބަރުން އެތައް ޤުރުބާނީއެއް ވެފައިވާ ކަމަށާއި، ހަމައެއާއެކު ކުރަންހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ ކަމަށެވެ.
"އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަހުގެ ތަޙުނިޔާ، އެމްޑީޕީގެ އެހާރާއި މިހާރުގެ މެންބަރުންނަށް އަރިސްކުރަން. ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެނައުމަށް މި ވޭތުވެދިޔަ 14 އަހަރު ޕާޓީގެ ހުރިހާ މެންބަރުން ވަނީ އެތައް ޤުރުބާނީއެއް ވެފަ. ކުރަންހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ." ރައީސް ޞޯލިޙްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަހުގެ ތަޙުނިޔާ، އެމްޑީޕީގެ އެހާރާއި މިހާރުގެ މެންބަރުންނަށް އަރިސްކުރަން. ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެނައުމަށް މި ވޭތުވެދިޔަ 14 އަހަރު ޕާޓީގެ ހުރިހާ މެންބަރުން ވަނީ އެތައް ޤުރުބާނީއެއް ވެފަ. ކުރަންހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ. #KKBK
— Ibrahim Mohamed Solih (@ibusolih) June 26, 2019
އެމްޑީޕީއަށް 14 އަހަރު ފުރުނުއިރު، މިވަގުތު ވެރިކަމުގައި އެމްޑީޕީ އޮތްއިރު، މިއީ އެ ޕާޓީގެ ތާރީޚުގައި އެ ޕާޓީގެ ބޭފުޅަކު ދިވެހިރާއްޖޭގެ ވެރިކަން ކުރައްވާ ދެވަނަ ފަހަރެވެ.




