ދޫނިދޫގައި ބޭއްވި މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި މަގުމަތީގެ އަގުން ބަލާނަމަ ގާތްގަނޑަކަށް 414 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ފުލުހުން ނައްތާލައިފިއެވެ.
މިއަދު ދޫނިދޫގައި ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި ނައްތާލެވިފައިވަނީ 3156 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 416.9 ކިލޯގްރާމްގެ މަސްތުވާތަކެއްޗެވެ.
ފުލުހުން ހާމަކުރާ ގޮތުގައި މިއަދު ނައްތާލެވުނު މަސްތުވާތަކެތީގެ މަގުމަތީގެ އަގުން ބަލާނަމަ އެއީ ގާތްގަނޑަކަށް 414 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗެވެ.
މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާއިމެދު ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލެއްވި ފަސް މެމްބަރުންގެ ކޮމިޓީގެ ބެލުމުގެ ދަށުން މިއަދު ދޫނިދޫގައި ނައްތާލާފައިވާ މަސްތުވާތަކެއްޗަކީ 2014 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން 2019 ޖޫން މަހާ ހަމައަށް، ފުލުހުންގެ މުއައްސަސާއަށް ހުށަހެޅުނު މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން ޝަރީއަތުގެ އެކި މަރުހަލާތައް ނިމިފައިވާ މައްސަލަތަކުގައި ހިފެހެއްޓިފައިވާ މަސްތުވާތަކެއްޗެވެ.
އަދި މީގެ އިތުރަށް ޝަރީއަތުގެ މަރުހަލާގައިވާ މައްސަލަތަކުގައި ހިފަހެއްޓިފައިވާ މަސްތުވާތަކެތީގެ ބަރުދަނަށް ބަލައި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ކުރެވޭ މިންވަރުގެ ދެ ގުނަ ބެހެއްޓުމަށްފަހު ބާކީ މަސްތުވާތަކެއްޗާއި، ތުހުމަތުކުރެވޭ ފަރާތެއްނެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މަސްތުވާތަކެތިއެވެ.
ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން ދޫނިދޫގައި ބޭއްވި މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެ ވަޑައި ގަންނަވާފައެވެ.

އަދި މި ހަރަކާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި ޕްރޮސިކިއުޓަރ ޖެނެރަލް އާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި މަސްތުވާތަކެތިި ނައްތާލުމަށް އެކުވަލާލި ކޮމިިޓީގެ މެމްބަރުންނާއި މީޑިއާތަކުންނާއި ބައެއް އާންމު ރައްޔިތުން ބައިވެރިވެލެއްވިއެވެ.
ފުލުހުން ވަނީ މަސްތުވާތަކެތި ނައްތާލުމަށް މި ބޭއްވުނު ހަރަކާތުގައި އާންމުގެ 20 މީހަކަށް ބައިވެރިވުމުގެ ފުރުސަތު ދީފައެވެ. ކުށްވެރިން ބައިތިއްބާ ޖަލެއް ހުންނަ ދޫނިދޫ އަކީ އާންމުކޮށް ހުއްދަ ނެތި އާންމު ރައްޔިތުންނަށް އެރުން މަނާ ރަށެކެވެ.
މިއީ މިފަދަ ގޮތަކަށް ފުލުހުންގެ ތާރީޚްގައި ގިނަ ޢަދަދަކަށް އެއްފަހަރާ މަސްތުވާތަކެތި ނައްތާލި ފުރަތަމަ ފަހަރެވެ.




