ބަރަހާނާކޮށް އަމީނީމަގުން ދިޔަ ފިރިހެނަކު ފުލުހުން ހިފަހައްޓައިފިއެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ފުލުހުން އެމީހާ ހިފަހައްޓާފައިވަނީ ދަރުބާރުގެއާ ހިސާބުން އަމީނީމަގުންނެވެ.
އެމީހާ ބަރަހާ ހާލުގައި ދަނިކޮށް މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ކަމަށް ބެލެވޭ ދެ ފުލުހުން އައިސް އޭނާ ހުއްޓުވަން މަސައްކަތް ކުރުމުން ބަރަހަނާ ހާލުގައި ދިޔަ ފިރިހެން މީހާ ވަނީ ފުލުސް މީހާއަށް ހަމަލާވެސް ދީފައެވެ.
އެމީހާ ފުލުސް މީހާއަށް ހަމަލާދިނުމުން ކުލަ ހެދުމުގައި ހުރި ފުލުހެއް ކަމަށް ބެލެވޭ އިތުރު މީހަކު ގޮސް އެމީހާ ހިފަހައްޓާ މަންޒަރުވެސް އާއްމުވެފައިވާ ވީޑިއޯއިން ފެނެއެވެ.
ބެލެވޭ ގޮތުގައި ބަރަހަނާ ހާލުގައި މާލޭ މަގުމަތިން ހިނގާފައި ގޮސްފައިވަނީ މެދުއުމުރުގެ ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، ބަރަހަނާ ހާލުގައި އަމީނީމަގުން ހިނގާފައިދިޔަ 40 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު އިރުއޮއްސި 06:46 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.



