1988 ވަނަ އަހަރު ނޮވެމްބަރު މަހުގެ 3 ވަނަދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސް މޭއިސްތިރި ހ. ހާޖަރާގޭ އަބުދުﷲ ލުތުފީއަށް، ސަރުކާރުން ދެމުންގެންދާ ހިމާޔާތް ދޭކަމަށްބުނެ އެކަން ހުއްޓާލަން ގޮވާލައި އަންނަ ހޮނިހިރު ދުވަހު ކުޅުދުއްފުށީގައި އެއްވުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:30 ގައި ކުޅުދުއްފުށީ މާލިހާމަގާދިމާ ބަންޑާރަމައިދާންގެ ކައިރީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެއްވުން އިންތިޒާމްކުރަނީ އެރަށުގައި އިޖްތިމާއި ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ހުސެން އަލީ(ކޭޑީ) އެވެ.
ކޭޑީ "ކުޅުދުއްފުށި އޮންލައިން" އަށް ބުނެފައިވަނީ، ލުތުފީއަށް ކުޅުދުއްފުށީ ރައްޔިތުން ދުވަހަކުވެސް މައާފުނުކުރާނެ ކަމަށާއި އެދުވަހު ދިވެހި ޤައުމާއި ދީނަށްޓަކައި ޝަހީދުވި ހުސެއިން އާދަމްގެ ރަށުގެ ދަރިން، ސަރުކާރުން ލުތުފިއަށް ހަދާހާ ގޮތެއް ހެދިގެން ނުތިބޭނެ ކަމަށެވެ. ޝަހީދު ހުސެއިން އާދަމްގެ ހައްގުގައި ކުޅުދުއްފުށީ ރައްޔިތުން އަބަދުވެސް އަޑުއުފުލާނެކަމަށެވެ.
ކޭޑީ އިތުރަށް ބުނެފައިވަނީ މި އެއްވުމަކީ މުޅި "ބޮޑުތިލަދުންމައްޗަށް" ހުޅުވާލައިގެން ބާއްވާ އެއްވުމެއް ކަމަށާއި މި އެއްވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ލުޠުފީ މައްސަލައިގައި ކުޅުދުއްފޫށީގައި އެއްވުމަކަށް ތައްޔާރުވަމުންދާއިރު، ކުޅުދުއްފުއްޓަށް ނިސްބަޔްވާ ޤައުމީ ބަޠަލް، ޝަހީދު ހުސައިން އާދަމްގެ މައިން ބަފައިން އެކުގައި ތިބެ “ސަންގު ޓީވީ” އަށް ދީފައިވާ އިންޓަވިއުއެއްގައި ޝަހީދު ހުސައިން އާދަމްގެ މަންނަ ބުނެފައިވަނީ، “އޭނަ (ލުޠުފީ) މާލެ ގެންނަންވާނެ، އަދަބުވެސް ދޭންޖެހޭނެ.” ކަމަށެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ ލުޠުފީއަށް މަޢާފް ދިނުމަށް ގޮވާލާފައެވެ.



