އަތް ބިނދުނީ ނުކިޔަމަންތެރިވުމުން, ގޭބަންދަށް ބަދަލުކޮށްފިން - ޕޮލިސް

ޅ.ހިންނަވަރު ޕޮލިސް ސްޓޭޝަނުގެ ތެރޭގައި ފުލުހަށް ހާޒިރުކުރި މީހަކަށް އަނިޔާވީ ނުކިޔަމަންތެރިކަން ދެއްކުމުން ބިޑި އަޅުވަން އުޅުމުގެ ތެރޭގައި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން 2019 ޖުލައި 7 ވަނަ ދުވަހު ޑްރަގް ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ ކޯޓު އަމުރަކާއި ގުޅިގެން، 31 އަހަރުގެ ދިވެހި ފިރިހެނެއް 2019 ޖުލައި 3 ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރެވުނު ކަމަށެވެ.

"އޭނާ ނުކިޔަމަންތެރިކަން ދައްކަން ފެށުމުން ބިޑި އަޅުވަން އުޅުމުގެ ތެރޭގައި އޭނާގެ އަތަށް އަނިޔާވެފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އޭނާގެ އަތަށް ތަދުވާކަމަށް ބުނުމުން ފުލުހުންގެ ބެލުމުގެ ދަށުން ޑޮކްޓަރަށް ދެއްކުމުން، އަތް ބިނދިފައިވާކަމަށް ޑޮކްޓަރުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށުން ބޭސްފަރުވާ ކޮށްދިނުމަށްފަހު ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

"ފުލުހުންގެ ތެރޭގައި އަމަލުކުރަމުންދާ އުޞޫލުގެ ތެރެއިން، ބާރުގެ ބޭނުން ހިފާ ކޮންމެ ޚާލަތެއްގައި "ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ" އިން އެކަންކަން ދިރާސާކޮށް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ޚާލަތްތަކުގައި ފިޔަވަޅު އަޅާނެ." ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ