ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުން ކަމަށްބުނެ ޞައްޚަނޫން ފޮޓޯއާއި މަޢުލޫމާތު ދައުރުކުރަމުންދާތީ ފުލުހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ފުލުހުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭގެ އޮޕަރޭޝަން ހިންގުމުގެ ތެރޭގައި ހިނގާދިޔަ ކަންތައްތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑާއި މިނިވަން މުއައްސަސާތަކުން ތަހުގީގު ކުރަމުން ދަނިކޮށް އެ އަމަލުތައް ހިންގީ މިވެނި ބަޔަކު ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފުލުހުންގެ މުވައްޒަފުންތަކެއްގެ ފޮޓޯ ޖަހައި، އެ މުވައްޒަފުންނަށް އެކި ގޮތްގޮތުން އިންޒާރުދީ ބިރު ދައްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
Reyga Drug Enforcement Department in operation hingumuge thereygai hingaadhiya kanthahthah fuluhunge Professional Standards Command aai, minivan muassasaathakun thahugeeg kuramun dhanikoh e amaluthah hingee miveni bayaku kamah bune social media gai… 1/2
— Maldives Police (@PoliceMv) July 6, 2019
ފުލުހުން ވިދާޅުވީ ތަހުގީގު ކުރިއަށްދާއިރު ސައްހަ ނޫން މައުލޫމާތު މިފަދަ ގޮތްގޮތަށް ދައުރު ނުކުރެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، ރޭ ހިނގި ހާދިސާގައި ބައިވެރިވެފައިވާ ފުލުހުންގެ އޮފިސަރުންނާ މިއަދު ބައްދަލުކޮށްފައިވާ ކަމަށާއި، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުން އެ މައްސަލައިގެ ތަޙްޤީޤު މިހާރުވެސް ކުރަމުންދާ ކަމަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (ޢެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން އެ މައްސަލަ ތަޙްޤީޤު ކުރަން ފަށާފައިވާ ކަމަށާއި، އެފަދަ މިނިވަން ކޮމިޝަންތަކުގެ ތަޙްޤީޤަށް ފުލުހުންގެ ވެރިންނާއި މުޅި މުއައްސަސާއިން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް މޫހައްމަދު ހަމީދު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގެ ރޭ ފުލުހުން ރެއިޑްކުރި ގެއެއްގެ ތެރޭގައި ތުހުމަތު ކުރެވޭ މީހަކަށް ފުލުހުން އަނިޔާކުރި މައްސަލައިގެ މިނިވަން ތަޙްޤީޤުތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.




