ސްވިޑަން ޓީމު ބްރޯންޒް މެޑެލްއާއެކު - ފޮޓޯ: ފޮކްސް ސްޕޯޓްސް

ވޮމެންސް ވޯލްޑްކަޕް - އިންގްލޭންޑް ބަލިކޮށް ސްވިޑަން މުބާރާތުގެ 3 ވަނަ ހޯދައިފި

ފީފާ ވޮމެންސް ވޯލްޑްކަޕްގެ ތިންވަނައަށް ދާ ޓީމެއް ކަށަވަރު ކުރުމުގެ ގޮތުން އިންގްލޭންޑާއި ސްވިޑަން މިރޭ ބައްދަލުކުރިން މެޗުން ސްވިޑަން މޮޅުވެއްޖެއެވެ.

2-1 ގެ ނަތީޖާއަކުން ސްވިޑަން މޮޅުވި މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނަގާފައިވަނީ ސްވިޑަންއިންނެވެ. އިންގްލޭންޑްގެ ޑިފެންޑަރަށް ހެދުނު ގޯހުގެ ފައިދާނަގައި ސްވިޑަންގެ އަސްލާނީ މިލަނޑު ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 11 ވަނަ މިނަޓްގައެވެ.

ސްވިޑަންގެ ފަރާތުން ފެނިގެން ދިޔަ ދެވަނަ ލަނޑަކީ ވަރަށް ހިތްގައިމު ލަނޑެކެވެ. މެޗުގެ 22 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ޖަކޮބްސަން ޖަހާފައިވަނީ ބޯޅައާއއެކު އޭރިއާ ކަނުން އެތެރެއަށްވަދެ ގޯލްގެ ދުރު ކަނަށް ބަނާނާއަކުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންގްލޭންޑްގެ ކާބީ ލަޑެއްޖަހައި އިންގްލޭންޑަށް އިތުރު ހިތްވަރެއް ގެނެސްދިނެވެ. އެކަނިމާއެކަނި ހިފައިގެންދިޔަ މިބޯޅަ ކާބީ އޮޅާލާފައިވަނީ ގޯލްގެ ދުރު ތިރީ ކަނަށެވެ.

މެޗަށްފަހު ސްވިޑަން ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: ސްކައި ސްޕޯޓްސް

އިންގްލޭންޑްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މިރޭގެ މެޗުގައި އިންގްލޭންޑުން އިތުރު ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަވެސް ކުރިއެވެ. ނަމަވެސް އިންގްލޭންޑްގެ އެލަން ވައިޓްޖެހި މިލަނޑު ވީއޭއާރު ބެލުމަށްފަހު ރެފްރިވަނީ ލަނޑު ޖެހުމުގެ ކުރިން ވައިޓްގެ އަތުގައި ބޯޅަ ޖެހުނުކަމަށް ނިންމާފައެވެ.

އިންގްލޭންޑްގެ ވަރުގަދަ ހަމަލާއެއް ސްވިޑަންގެ ޑިފެންޑަރު ފިޝާ ބޮލުން ދިފާޢުކޮށްފައިވާއިރު، ސްވިޑަންއަށް މެޗުގެ ފަހު ވަގުތު ކޮޅު ލިބުނު ރަނުގެ ފުރުޞަތެއް އިންގްލޭންޑްގެ ކީޕަރު ޓެލްފޯޑްވަނީ ދިފާޢުކޮށްފައެވެ.

މިރޭގެ މެޗުން ދަށްވެ މުބާރާތުގެ ހަތަރުވަނަ ލިބުނު އިންގްލޭންޑަށް މީގެ ހަތަރު އަހަރުކުރިން ކެނެޑާގައި ކުޅުނު މުބާރާތުންވަނީ 3 ވަނަ ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ