ރައީސް ޔާމީން - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކްރިމިނަލް ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީން ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގެ އަޑުއެހުމަކަށެވެ.

އެމަނިކުފާނު ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައި ވަނީ މިއަދުއެވެ. އެމަނިކުފާނު ކޯޓަށް ހާޒިރުވުމަށް އަންގާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ 11:30 އަށެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގައެވެ.

ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު، މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އެ ކޯޓުން ވަނީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީން ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. ޔާމީންގެ ފަރާތްޕުޅުން އެ އަމުރު މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ޔާމީން މިނިވަންކޮށްފައެވެ.

މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް އުފުލާފައިވާއިރު، ފުލުހުން ވަނީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި ވެސް ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައެވެ. ނަމަވެސް އެ މައްސަލާގައި ޔާމީންގެ މައްޗަށް އަދި ދައުވާ ކުރައްވާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ