ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމާއެކު، ތަޅުމުގައި އަޑުގަދަކޮށް ހަދަން ފެށުމުން ނަން އިއްވާ، މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި އެވެ.
މިއަދު ހެނދުނު 09:00 ގައި 33 މެމްބަރުންނާއެކު މަޖިލީހުގެ މަޖިލީހުގެ ޖަލްސާ ފެށުމާއެކު ޖާބިރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ.
"މަޖިލީހުގެ ރައީސްކަމަށް މަނިކުފާނު އިންތިހާބު ވުމުން ދައުލަތުގެ ހަޒާނާގެ ތަޅުދަނޑި މަނިކުފާނަށް ލިބުނީ ހެއްޔެވެ؟،" ނިޒާމީ ނުކުތާ ނަންގަވައި ޖާބިރު ސުވާލުކުރެއްވިއެވެ.
ނަމަވެސް ރިޔާސަތުގައި ހުންނެވި ރައީސް ނަސީދު ވަނީ އެއީ ނިޒާމީ ނުކުތާއެއް ކަމަށް ބަލައި ނުގަނެވޭކަމަށް ވިދާޅުވެފައެވެ. އެއާއެކު ޖާބިރު އަޑުގަދަ ކުރަން ފައްޓަވާފައިވާއިރު، ޖާބިރު އިތުރަށް ދެއްކެވި ވާހަކަ ސާފެއް ނުވެއެވެ.
ޖާބިރު އަޑުގަދަ ކުރަން ފެއްޓެވި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މެމްބަރުން ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅުގެ ވާހަކަ ރައީސް ނަޝީދު ވިދާޅުވުމުންނެވެ.
"އިއްޒަތްތެރި މެމްބަރު ނަން އިއްވަން ޖެހިދާނެ އިނގޭތޯ؟ އިއްޒަތްތެރި މެމްބަރު އިށީންނަވާ!،" ޖާބިރު ތަކުރާރުކޮށް އަޑުގަދަ ކުރެއްވުމުން، ރައީސް ނަޝީދު ވެސް ވަރަށް ކޯފާވެވަޑައިގެން ވިދާޅުވިއެވެ.
އަޑުގަދަ ނުކުރުމަށް ޖާބިރަށް ރިޔާސަތުން ނަސޭހަތް ދެއްވުމަށްފަހު، ޖާބިރުގެ ނަން އިއްވިއެވެ. އަދި ނަން އިއްވުމަށްފަހުވެސް ރިޔާސަތުން ވަނީ ޖާބިރަށް އިތުރަށް ނަސޭހަތްތެރިވެފައެވެ.
"ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މިހާ ހެނދުނާ ތިހާ ކޯފާ އިސްކުރައްވާ ތިޔަ އުޅުއްވާ ސަބަބެއް ހަމަ އެއްގޮތަކަށްވެސް އަޅުގަނޑަށް ނުއެއް ވިސްނޭ. މިހާރު އަޅުގަނޑު އެދެނީ އިއްޒަތްތެރި މެންބަރު މަޖިލީހުގެ ތަޅުން ދޭކުރައްވާ ވަޑައިގަތުން." ރިޔާސަތުގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވިއެވެ.
ޖާބިރު މަޖިލީހުގެ ތަޅުމުން ނިކުމެވަޑައިގަންނަވަނިކޮށް ރިޔާސަތުގައި ހުންނަވާ ރައީސް ނަޝީދު ވިދާޅުވި ބަސްފުޅަކުން ޖާބިރު އިތުރަށް ރުޅި އިސްކުރެއްވި މަންޒަރުވެސް ފެނިގެންދިޔައެވެ.
"އާދެ އަޅުގަނޑު އެދެނީ ކޮފީ ތައްޓަކާ އެއްޗެހި ހިއްޕަވާލައްވައިގެން ވަޑައިގެން." ނަޝީދު މިހެން ވިދާޅުވުމުން ޖާބިރު ވަނީ ރިޔާސަތާ ދިމާލަށް ވަޑައިގެން އަޑުގަދަ ކުރައްވާފައެވެ.
ޖާބިރު މަޖިލިސް ތަޅުން ދޫކުރައްވާ ވަޑައިގަތުމުން މަޖިލީހުގެ ޖަލްސާ ވަނީ ކުރިއަށް ގެންދަވާފައެވެ.



