މާލޭގެ ގެއަކުން ވައްކަންކޮށްގެން ގޮސް އިތުރު ތަނަކުން ވައްކަން ކުރަން އުޅެނިކޮށް ފުލުހުން ވަގަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ޝަހީދު ކުޑަނެވިތުއްތު ހިނގުމުގައި ހުންނަ ފަހާތަނެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކުރަން އުޅުމުގެ ތުހުމަތުގައި މިރޭ 06:41 ހާއިރު 24 އަހަރުގެ ދިވެހި ޒުވާނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާ ފާސްކުރިިއިރު އަތުގައި އޮތް އަތްދަބަހަކުން، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބައެއް ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ފަހުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެތަކެއްޗަކީ ގަލޮޅު ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ކަމަށެވެ.
"އެގެއިން ވައްކަންކުރި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފަހުން." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިހާރު ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.




