މާލޭ ނޯތު ހާބަރު ފަޅުތެރޭގައި އަޑީގައި އޮއްވާ ސައިކަލެއް ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، ރޭ 20:00 ހާއިރު ނޯތު ހާބަރުގައި އޮތް ބޯޓަކުން މޫދަށް ވެއްޓުނު އެއްޗެއް ނަގަން ފުންމާލި މީހަކަށް މޫދު އަޑިން ސައިކަލެއް ފެނިފައިވާ ކަމަށެވެ. އެމީހުން ސައިކަލު ނެގުމަށްފަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ބެލި ބެލުމުން އެއީ 2019 އެޕްރީލް 16 ވަނަ ދުވަހު ގެއްލިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅާފައިވާ ސައިކަލެއް ކަން އެނގިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މިކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ފުލުހުން ބަލަމުންދާ ކަމަށެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކް ކުރާ ސައިކަލު ވަގަށް ނެގުމަކީ އަބަދުވެސް ހިނގާ ކަމެކެވެ. އެކަން އަދި އަދަށްދާންދެންވެސް އޮތީ ނުހުއްޓިއެވެ.




