ލޭނު މަސްވެރިކަން ކުރަން ހުއްދަ ނުދޭން ނިންމައިފި

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ 100 މޭލު ބޭރުގައި ލޭނު އަޅައިގެން މަސްވެރިކަން ކުރަން ދޫކޮށްފައިވާ ހުއްދަތައް ބާތިލްކޮށް، އަލުން ހުއްދަ ނުދޭން ނިންމައިފި އެވެ.

ލޭނު އެޅުމުގެ މަސްވެރިކަމަށް ހުއްދަ ދީފައިވާ ކުންފުނިތަކަށް ފިޝަރީޒް މިނިސްޓްރީން ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީއާއި ހަވާލާދީ "އަވަސް" ނޫހުން ބުނެފައިވަނީ، ލޭނު އަޅައިގެން ކުރާ ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހުރި ބައެއް ބޮޑެތި މައްސަލަތަކާއި މަސްވެރިންގެ ޝަކުވާއާ ގުޅިގެން ލޭނު މަސްވެރިކަން ކުރަން ދޫކޮށްފައިވާ ލައިސަންސްތަކުގެ މުއްދަތު 31 މެއިގެ ނިޔަލަށް ހަމަވުމާއިއެކު އެކަމާމެދު ސަރުކާރުން މަޝްވަރާކޮށް ގޮތެއް ނިންމަންދެން ލައިސަންސް ދިނުން ވަނީ މެދުކަނޑާލާފަ އެވެ. އަދި ކުރެވުނު މަޝްވަރާ ތަކަށްފަހު އަލުން ލައިސަންސް ދޫނު ކުރަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

"ލޭނު މަސްވެރިކަމުގައި ބިދޭސީންގެ ބައިވެރިވުން ބޮޑުވުމާއި އަދި ގާނޫނާއި ގަވާއިދާ ހިލާފު ގިނަ ހަރަކާތްތަކެއް މި މަސްވެރިކަމުގައި ހިނގަމުންދާތީވެ، މިހާރު އަމަލުކުރަމުންދާ ލޭނު މަސްވެރިކަމުގެ ގަވާއިދު އުވާލައި ލޭނު މަސްވެރިކަން ކުރަން ލައިސަންސް ދޫކުރުން ހުއްޓާލުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ،" ފިޝަރީޒް މިނިސްޓްރީގެ ސިޓީގައިވެ އެވެ.

ލޭނު މަސްވެރިކަމަށް ދޫކޮށްފައިވާ ލައިންސަސްތައް ބާތިލް ކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި މި އަހަރުގެ އެޕްރީލް މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ޔޫރަޕިއަން މެރިޓައިމް އެފެއާޒް އެންޑް ފިޝަރީޒްގެ ވަފުދުން ލޭނު މަސްވެރިކަމުގައި ކުރަމުން ގެންދާ ގިނަ ކުއްތަކެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުން ހިމެނެ އެވެ.

މީގެ ތެރޭގައި ބައެއް އުޅަނދުތަކުގެ އަސްލު މަންފާ ލިބެމުންދާ ފަރާތަކީ ފަރުދާގެ ފުރަގަހުގައި ތިބެ ހަރަކާތްތެރިވާ ބޭރުގެ ފަރާތް ތަކެއް ކަމަށް ތުހުމަތު ކޮށްފައި ވާއިރު، މީގެ އިތުރުން މި މަސްވެރިކަން ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ރާއްޖޭގެ ދޮށީގެ މަސްވެރިކަމަށް އަސަރުކޮށްފާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. އަދި ލޭނު މަސްވެރިކަމުގެ ސަބަބުން ރާއްޖޭގެ ދޮށީގެ މަސްވެރިކަމަށް ލިބިފައިވާ ރީތި ނަން ގެއްލިދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ރާއްޖޭގައި އާއްމު ގޮތެއްގައި ކުރަނީ އިގްތިސޯދީ ސަރަހައްދުގެ 100 މޭލުގެ އެތެރޭގައި ކުރާ ދޮށީގެ މަސްވެރިކަމެވެ. އަދި ބޭރު ކަނޑުގައި ލޭނު އެޅުމުގެ މަސްވެރިކަމަކީ ހާއްސަ ހުއްދައެއް ލިބިގެން ކުރާ މަސްވެރިކަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ