ޕެންޓަގްރާމް ހިރަފުސް ކަޕްގެ ތަށި ހަނިމާދޫ ސާއްބަ އެކުވެރި ކްލަބު އުފުލާލަނީ - ފެށުން ފޮޓޯ: ޢަލީ ވިސާމް

ޕެންޓަގްރާމް ހިރަފުސް ކަޕް - އެއްވެސް މެޗަކުން ބަލިނުވެ، ސާއްބަ މުބާރާތުގެ ތަށި އުފުލާލައިފި

ޕެންޓަގްރާމް ހިރަފުސް ކަޕްގެ 12 ވަނަ މުބާރާތް، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ހަނިމާދޫ ސާއްބަ އެކުވެރި ކްލަބު މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

ސާއްބަ ފައިނަލަށް ދަތުރުކޮށްފައިވަނީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ. އަދި މިއީ ސާއްބަ މިމުބާރާތް ކުޅޭ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި މިއަދު ކުރިއަށްދިޔަ ފޯރި ގަދަ ފައިނަލް މެޗު ފެށިތަނާހެން މެޗުގައި މޮޅު ކުޅުމެއްދެއްކި ސާއްބަވަނީ ލަނޑެއްޖަހައި ލީޑު ނަގާފައެވެ. ދެވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ސްކައި ހާފުގެ މެދަކާ ހިސާބުން އެކްލަބުގެ ޖާޒީ ނަންބަރު 12 ޢަލީ ޙުސައިން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ.

ޕެންޓަގްރާމް ހިރަފުސް ކަޕް ފައިނަލް މެޗުގެ ތެރެއިން - ފޮޓޯ ފެށުން : ޢަލީ ވިސާމް

ސްކައިއަށް މެޗަށް ރަނގަޅަށް ނުވަދެވި އުޅެނިކޮށް ސާއްބައިން އަނެއްކާ އިތުރު ލަނޑެއްޖަހައި ލީޑު އިތުރަށް ފުޅާކުރިއެވެ. މެޗުގެ 16 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ލިބުނު ހިލޭ ޖެހުމަކުން އެކްލަބުގެ ޖާޒީ ނަންބަރު 16 އަޙްމަދު ޢަލީ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ސާއްބަގެ ދެވަނަ ލަނޑާއެކު ނަތީޖާ އަނބުރާލެވޭތޯ ސްކައިން ކުރަމުން އައި މަސައްކަތް ދެގުނައަށްއެރިއެވެ. އެއާއެކު ފުލުފުލުން ކުރަމުންދިޔަ ހަމަލާތަކާއެކު ސާއްބަގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަޖެހި ސްކައިއަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ފަރަގު ކުޑަކުރަން ލިބުނު މިފުރުޞަތު ނާކާމިޔާބުވެ ސްކައިއަށް މާޔޫސްކަން ލިބުނީ ޙުސައިން ޢަބްދުލްރަޝީދު (ބިގޭ) ފޮނުވާލި ޕެނަލްޓީ ސާއްބަގެ ކީޕަރު ދިފާޢުކުރުމުންނެވެ.

އޭގެ މާގިނައިރުތަކެއްނުވަނީސް ހިތްގައިމު ޗިޕަކުން ހަނިމާދޫ ސާއްބަ އެކުވެރި ކްލަބުގެ ތިންވަނަ ލަނޑު އެކްލަބުގެ ޖާޒީ ނަންބަރު 10 ޙުސައިން ޝަރީފް ޖަހައިދިނީ މެޗުގެ 33 ވަނަ މިނަޓްގައެވެ. މިއަދު ކުޅެވުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ ޙުސައިން ޝަރީފެވެ.

ޕެންޓަގްރާމް ހިރަފުސް ކަޕް ފައިނަލް މެޗުގެ ތެރެއިން - ފޮޓޯ ފެށުން : ޢަލީ ވިސާމް

ނަމަވެސް އަޒުމަކަށް ބަދަލެއް ނައިސް ކުޅެމުންއައި ސްކައިވަނީ ހާފު ނިމުމުގެ ކުރިން ލަނޑެއްޖަހައި ފަރަގު ކުޑަކޮށްފައެވެ. 44ވަނަ މިނަޓްގައި ފެނިގެން ދިޔަ މިލަނޑު އެކްލަބަށް ޖަހައިދިނީ ޖާޒީ ނަންބަރު 8 ޙުސައިން ޢަބްދުލްރަޝީދު (ބިގޭ) އެވެ. މިއީ މިމުބާރާތުގައި ބިގޭ ޖެހި 7 ވަނަ ލަނޑެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ ބިގޭއެވެ.

ދެވަނަ ހާފު ކުޅެން ނުކުތް ސްކައިން ފުރަތަމަވެސް ބެލީ ފުރަތަމަ ހާފުގައި ހެދުނު ގޯސްތައް އަލުން ތަކުރާރުވިޔަ ނުދިނުމަށެވެ. އެގޮތުން ޓީމުގެ ކުޅުން ރަނގަޅުކޮށް ސާއްބަ ކުޅެމުންއައި ޕާސިން ގޭމު ހަލާކުކޮށްލިއެވެ. އަދި އިތުރު ލަނޑެއްޖެހޭތޯ ހުއްޓުމެއްނެތި މަސައްކަތްކުރިނަމަވެސް ގޯލަށް މާ ނުރައްކާވާކަހަލަ ހަމަލާއެއް ސްކައިއަށް އުފެއްދިފައެއް ނުވެއެވެ.

އެހެންނަމަވެސް ސާއްބައިން ކައުންޓާ އެޓޭކްގައި ލިބޭ ބޯޅަތަކުގެ ބޭނުންހިފައި ސްކައި ގޯލަށް ނުރައްކާތެރި ހަމަލާތައް އުފައްދަމުން ދިޔައެވެ. އެގޮތުން ސާއްބަގެ ފަރާތުން ފެނުނު ވަރަށް ނުރައްކާތެރި ދެހަމަލާއެއް ސްކައިގެ ކީޕަރުވަނީ ދިފާޢުކޮށްފައެވެ.

ޕެންޓަގްރާމް ހިރަފުސް ކަޕް ފައިނަލް މެޗުގެ ތެރެއިން - ފޮޓޯ ފެށުން : ޢަލީ ވިސާމް

އަދި ލިބުނު ހިލޭ ޖެހުމަކުން ސާއްބައިން އެކްލަބުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރިއިރު، ސްކައިގެ ކީޕަރަށްވަނީ އެބޯޅައަށް އަރައި ބޯޅަ ރަނގަޅަށް ދިފާޢުކުރެވޭގޮތްނުވެފައެވެ. އެއާއެކު އޭރިއާތެރޭ ހުހަށް ހުރި ޖާޒީ ނަންބަރު 9 މުޙައްމަދު މަފާޒް މިލަނޑު ކާމިޔާބުކޮށްދިނީ މެދުގެ 90 ވަނަ މިނަޓްގައެވެ.

މެޗުގެ ނިމިގެންދިޔައީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ސްކައިގެ ފަރުޙަތު މުޙައްމަދު ކާމިޔާބުކުރި ލަނޑަކާއެކު 4-2 ގެ ނަތީޖާއަކުން ހަނިމާދޫ ސާއްބަ އެކުވެރި ކްލަބު ކުރީގައި އޮވެގެންނެވެ.

ޕެންޓަގްރާމް ހިރަފުސް ކަޕް ފައިނަލް މެޗުގެ ތެރެއިން - ފޮޓޯ ފެށުން : ޢަލީ ވިސާމް

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް -/20000 ރުފިޔާގެ ފައިސާގެ އިނާމް އަދި ރަނަރަފް ޓީމަށް -/5000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ.

މުބާރާތުގެ މަޤާމުތައް:

  • އެންމެ މޮޅު ގޯލްކީޕަރު - އިބްރާހިމް އަޒްލީން (ސްކައި) ޖާޒީ ނަންބަރު 99
  • އެންމެ މޮޅު ޑިފެންޑަރު - މުޙައްމަދު ޢަބްދުލްޤަފޫރު (ސާއްބަ) ޖާޒީ ނަންބަރު 6
  • އެންމެ މޮޅު މިޑްފީލްޑަރު - ފަރުޙަތު މުޙައްމަދު ( ސްކައި) ޖާޒީ ނަންބަރު 34
  • އެންމެ މޮޅު ފޯވާޑު - ޙުސައިން ޢަބްދުލްރަޝީދު (ސްކައި) ޖާޒީ ނަންބަރު 8
  • އެންމެ އުންމީދީ ކުޅުންތެރިޔާ - ޙުސައިން ވަސީމް (ކަލްބު ތިލަދުންމަތި) ޖާޒީ ނަންބަރު 4
  • އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ - ޙުސައިން ޢަބްދުލްރަޝީދު (ސްކައި) ޖާޒީ ނަންބަރު 8
  • މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާ - ޙުސައިން ޝަރީފް (ސާއްބަ) ޖާޒީ ނަންބަރު 10
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ