ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް، ދައުލަތުގެ މީޑިއާއިން ލައިވްކޮށް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.
ރައީސް ޔާމީންގެ ޝަރީއަތް ފަށާފައިވަނީ ދާދި ދެންމެއެވެ. ޔާމީންގެ ޝަރީޢަތް ރޭ ފުރަތަމަ ޝެޑިއުލް ކުރީ މިއަދު 11:30 އަށް ނަމަވެސް، އެއަށް ފަހު 12:30 އަށް އަދި 12:45 އަށް ޝަރީޢަތް ވަނީ ފަސްކޮށްފައެވެ.
އޭސީސީއާއެކު ރައީސް ޔާމީން ވަނީ އެސްކޮރޯ އެކައުންޓެއް ހެދުމަށް އެއްބަސްވުމެއް ހަދާފަ އެވެ. އެގޮތަށް އެއްބަސްވީ އެ މައްސަލާގެ ތަހުގީގު ނިމެންދެން އެ އެކައުންޓްގައި އެ ފައިސާތައް ބެހެއްޓުމަށެވެ. އެކަމަކު، ޔާމީން ވަނީ އެ އެއްބަސްވުމާ ހިލާފުވެފަ އެވެ. އެސްކޮރޯ އެކައުންޓަށް ޔާމީން ޖަމާކުރީ އެސްއޯއެފްއިން ލިބުނު ފައިސާ ނޫން ކަމަށާއި އެ އެކައުންޓަށް ޖަމާކުރީ މޫސާ ޖަމީރުގެ ފަރާތުން ހޯދި، ފައިސާތަކެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެސްކޮރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ޒަމީރުގެ އެކައުންޓުންނެވެ.
ދައުލަތުން ބުނި ގޮތުގައި އެ އަމަލަކީ އެ ފައިސާތައް ފޮރުވައި، ކޮރަޕްޝަނުން ހޯދާފައިވާ ފައިސާތަކެއް ކަމަށް ޝައްކު ކުރެވޭ ފައިސާތަކެއް ބަދަލު ކުރަން އުޅުމުގެ އަމަލެކެވެ. އެހެންވެ، އެއީ މަނީ ލޯންޑްރިންގެ ކުށަށް ވެގެންދާ ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.
މަނީ ލޯންޑަރިންގެ ކުށް ޔާމީންގެ މައްޗަށް ސާބިތުވެއްޖެނަމަ، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ދިވެހިރާއްޖޭގެ ޝަރުއީ ކޯޓެއްގެ ޝަރީއަތް، އަދި ކޯޓުގެ ޝަރުއީ މާލަމްތައް ލައިވްކުރާ މިއީ ފުރަތަމަ ފަހަރެވެ.