"ކޮބާ ނުވިއެއްނު"ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ރެލީއެއް ބާއްވާނެ ކަމަށް ޕްރޮގުރެސިވް ކޮންގްރެސް ކޯލިޝަނުން ހާމަކޮށްފިއެވެ.
އެކޯލިޝަނުން މައުލޫމާތު ދޭގޮތުގައި މި އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އަލިމަސް ކާނިވާ ސަރަހައްދުގައެވެ.
ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން މިހިނގާ ޖުލައިމަހުގެ ހަތަރުވަނަ ދުވަހުވެސްވަނީ ރައީސް ޔާމިން ބައިވެރިވެ ވަޑައިގެންނެވި ޖަލްސާއެއް ކާނިވާ ސަރަހައްދުގައި ބާއްވައިފައެވެ. މިޖަލްސާގައި ޕީޕީއެމް އަދި ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ.
އޮގަސްޓް އެއްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމުގައި ކުރަން ރާވާފައިވާ ހާއްސަ ކަންތައްތައް ހާމާ ކުރަން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއްޔެވަނީ ވިދާޅުވެފައެވެ.




