ރައްޔިތުންގެ މަޖިލީހުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުމަށް "ކޯޓުތަކާ ބެހޭ ގާނޫނަށް" ގެނައި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިޙު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް އުފެދިފައިވަނީ 18 ސެޕްޓެމްބަރ 2008 ވަނަ ދުވަހުއެވެ. ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ ދަށުން އެކުލަވައިލެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންގެ އަދަދަކީ 7 އެވެ.
ނަމަވެސް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު، ޤާނޫނު ނަންބަރު 2010/22 ގެނެވުނު ފުރަތަމަ އިސްލާހު މަޖިލީހުން ފާސްކުރުމާއި ގުޅިގެން 11 ޑިސެންބަރު 2014 އިން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ހަތް ފަންޑިޔާރުން ފަސް ފަނޑިޔާރުންނަށް ވަނީ މަދު ކުރެވިފައެވެ.
މި އިސްލާހު ކޯޓްތަކުގެ ޤާނޫނަށް ގެނައުމާއެކު އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ މަގާމުން ވަކިކުރައްވާފައެވެ.
ނަމަވެސް މިއަދު މި ތަސްދީގު ކުރެވުނު އިސްލާހަށް އަމަލު ކުރަން ފެށުމާއެކު ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު އަނެއްކާވެސް ހަތަކަށް އިތުރު ވެގެން ދާނެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރެވޭނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްވެގެންނެވެ.