ދިވެހިރާއްޖޭގައި ދެވޭ ލޮލުގެ ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހެލްތުއާއި ޗައިނާގެ ނޭޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިންގ ކޮމިޝަންއާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގެ ދަށުން ލޮލުގެ ޚާއްސަފަރުވާދޭ މަރުކަޒެއް ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަރުކަޒުން ދެވޭ ލޮލުގެ ފަރުވާގެ ޚިދުމަތްތައް ފުޅާކޮށް، އާ ޚިދުމަތްތައްތައް ތަޢާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ހުޅުމާލޭ ހޮސްޕިޓަލްގެ ލޮލުގެ ޑިޕާޓްމަންޓް އިތުރަށް ހަރުދަނާކޮށް، ލޮލުގެ އެންމެ އާދައިގެ ފަރުވާތަކުން ފެށިގެން ޚާއްޞަ ސާޖަރީތައް ހެދޭ ފެންވަރަށް ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ހުޅުމާލެ ހޮސްޕިޓަލްއަށް ބޭނުންވާ ލޮލުގެ ފަރުވާއާއި ގުޅޭ އާލާތްތައް މިއެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުގެ ފަރާތުން ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޗައިނާގެ ލޮލުގެ ޚާއްޞަ ޑޮކްޓަރުން ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށް މަސައްކަތްކުރައްވާނެއެވެ. މީގެ އިތުރުން، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ތަމްރީންތައް ޗައިނާގައި ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ހެލްތު، އަލްފާޟިލް ޢަބްދުﷲ އަމީނެވެ. ޗައިނާގެ ނޭޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިންގ ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޜޭންގް ލިޜޯންގެވެ.
ޗައިނާ ސަރުކާރުގެ އެހީގައި 2015 ވަނަ އަހަރު އަދި 2017 ވަނަ އަހަރުވެސް ވަނީ ލޮލުގެ ޚާއްޞަ ކޭމްޕްތަކެއް ރާއްޖޭގައި ކުރިއަށްގެންގޮސްފައެވެ. މި ކޭމްޕްތަކުގައި ޖުމްލަ 1000 އަށް ވުރެގިނަ މީހުން ސްކްރީންކޮށް 186 މީހުންގެ ކެޓަރެކްޓް ސާޖަރީ ވަނީ ހަދާފައެވެ. އަދި 9.2 މިލިއަން ރުފިޔާގެ ލޮލުގެ ފަރުވާއާއި ގުޅޭ އާލާތްތައް ޗައިނާ ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް ހަދިޔާކުރައްވާފައެވެ.
ދިވެހި ރާއްޖޭގައި ލޮލުގެ ޚާއްސަ ފަރުވާދޭ މަރުކަޒެއް ޤާއިމް ކުރުމަކީ، "ސިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ގޮތުން ޗައިނާ ސަރުކާރާއި އެކު 2017 ގައި ސޮއި ކުރެވިފައިވާ ފަހުމުނާމާގައި" ފާހަގަ ކުރެވިފައިވާ މައިގަނޑު އެއް ދާއިރާއެވެ.
މިއަދު ވެވުނު އެއްބަސްވުމާއިއެކު ރާއްޖެއިން ފެންވަރު ރަނގަޅު ލޮލޮގެ ފަރުވާ ލިބުމުގެ މަގުފަހިވެގެންދާނެއެވެ.




