ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއަށް މިދިޔަ ސީޒަންގައި ރެކޯޑު އާމްދަނީއެއް ލިބިއްޖެއެވެ.
ރެކޯޑުތައް ބުނާގޮތުން ނިމުނު ސީޒަންގެ އާމްދަނީ ގޮތުގައި ބާސެލޯނާއަށް 990 މިލިއިން ޔޫރޯ (1.1 ބިލިއަން ޑޮލަރު) ޑޮލަރުވަނީ ލިބިފައެވެ.
އެހެންނަމަވެސް އެކްލަބު ޚަރަދުތައް އިތުރުވެފައިވުމުން ލިބުނު ފައިދާވަނީ ކުރިން އަހަރަށްވުރެ މަދުވެފައެވެ. ޓެކްސް ޚަރަދަށް ނުކަނޑާއި ފައިދާގެ ގޮތުގައި 19 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ބާސެލޯނާއިން ހާމަކޮށްފައިވާއިރު، ކުރީ ސީޒަންގައި ބާސެލޯނާއަށް 22 މިލިއަން ޑޮލަރުގެ ފައިދާއެއްވަނީ ލިބިފައެވެ.
"ކްލަބަށް ރެކޯޑު އަދަދެއްގެ އާމްދަނީއެއްވަނީ ލިބިފައި. އަދި ބަޖެޓްކުރިވަރަށްވުރެ އިތުރަށް 30 މިލިއަން ޔޫރޯ ލިބުނު. އަދި ޕްލޭންއަކީ 2021 ނިމޭއިރު އާމްދަނީގެ ގޮތުގައި 1000 މިލިއަން ޔޫރޯ ކްލަބަށް ލިބުން" ބާސެލޯނާއިން ބުންޏެވެ.
ޓްރާންސްފާ މާކެޓްގައި ބާސެލޯނާއިން މިސީގައި އުޅެނީ ވަރަށް އަވަދިނެތިއެވެ. އެގޮތުން ކްލަބުން ވިއްކާލި ކުޅުންތެރިންގެ ތެރޭގައި ޕޮލީނިއޯ، މީނާ، ސިލެސަން، ޑިގްނޭ އަދި ގޮމޭޒް ހިމެނެއެވެ.
މީގެއިތުރުން ބޮޑު ޚަރަދަކާއެކު ފްރެންކީ ޑިޖޮން އަދި އެންޓޮއިން ގްރިޒްމަން ބާސެލޯނާއިންވަނީ ގެނެސްފައެވެ. އަދި ކުރިއަށްއޮތްތާ ފިރްޕޯގެ އިތުރުން ނޭމާވެސް އެކްލަބަށް ގެނައުން ގާތްކަމަށް ރިޕޯޓްތައް ބުނެއެވެ.
ބާސެލޯނާގެ ޚަރަދުތައް ބެލެންސް ކުރުމުގެ ގޮތުން ރަކިޓިޗް، ކުޓީނިއޯ، މެލްކޮމް އަދި ރަފިންހާ އެކްލަބުން ވިއްކާލުން ވަރަށް ގާތްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.



