ކުޑަކުދިންނާ ގުޅޭ ޖުމުލަ 241 މައްސަލަ ނިމިދިޔަ ޖޫންމަހު ރިޕޯޓުކޮއްފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ޖެންޑަރ މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 125 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައިވާ ކަމަށާއި މިއީ ޖޫން މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 52 އިންސައްތަ ކަމަށެވެ.
އަދި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށާއި އެ ގޮތުން މި ބާވަތުގެ 41 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިންސީ ހާނީއްކައިގެ 36 މައްސަލައަކާއި ޖިސްމާނީ ހާނީއްކައިގެ 23 މައްސަލަގެ އިތުރުން ނަފްސާނީ ހާނީއްކައިގެ 18 މައްސަލައާއި، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 4 މައްސަލައާއި، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ 2 މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 1 މައްސަލަ ހިމެނޭ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 8 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައިވާ ކަމަށާއި، މި ފަދަ މައްސަލަތަކުގެ ތެރޭގައި ބޯހިޔާވެހިކަން ފޯރުކޮށް ނުދިނުމުގެ 3 މައްސަލަ، ތަޢުލީމަށް ހުރަސް އެޅުމުގެ 2 މައްސަލަ، ވެކްސިން ނުދިނުމުގެ 2 މައްސަލަ އަދި ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 1 މައްސަލަ ހިމެނެއެވެ.
ޢާއިލީ 18 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައި ކަމަށާއި މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 10 މައްސަލަ، ކުދިން ބެލުމުގައި ދިމާވާ 5 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 3 މައްސަލަ ހިމެނޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޗެންޑާ މިނިސްޓްރީން ވިދާޅުވީ އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 3 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައި ކަމަށާއި، މި ފަދަ މައްސަލަތަކުގެ ތެރޭގައި ލައިސެންސް ނެތި އެއްގަމު އުޅަނދެއް ދުއްވުމުގެ 1 މައްސަލަ އަދި މާރާމާރީ ހިންގުމުގެ 1 މައްސަލަ ހިމެނެއެވެ.
މީގެ އިތުރުން ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 19 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައި ކަމަށާއި މި ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ 5 މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ 5 މައްސަލަ ހިމެނޭ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ޖެންޑާ މިނިސްޓްރީން ވިދާޅުވީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅައިފައިވާ ކަމަށާއި، މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް ކަމަށެވެ. މި ބާވަތުގެ 20 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން، ޖިންސީ ހާނީއްކަކުރުމުގެ 6 މައްސަލަ، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 5 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 1 މައްސަލަ، އިހުމާލުވުމުގެ 1 މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ 1 މައްސަލަ އަދި ފާރަލުމުގެ 1 މައްސަލަ ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 17 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައި ކަމަށާއި އެއީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 10 މައްސަލައާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 7 މައްސަލަ ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.