ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލާގައި، އެމަނިކުފާނާއި ދެކޮޅަށް ވަކާލާތު ކުރައްވާ ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދުގެ ސުލޫކީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
އައިޝަތު މުޙައްމަދު ގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކީ ޔާމީން އާއި ދެކޮޅަށް އުފިލާފައިވާ މަނީ ލޯންޑްރިން މައްސަލައިގައި، ފެބްރުއަރީ މަހު ޔާމީންގެ ބަންދުގެ މުއްދަތު އިތުރު ކުރުމުގެ އަޑުއެހުމުގައި ދޮގު ހަދާފައިވާ ކަމުގެ ދައުވާއެވެ. މި މައްސަލަ ހުށައެޅުއްވުމަށް ޔާމީން ވަނީ އުއްތަމަ ފަނޑިޔާރު ޑރ. ޢަބްދުﷲ ދީދީއަށް ސިޓީއެއް ފޮނުވާފައެވެ.
ޔާމީން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެދުވަހު ބޭއްވި އަޑުއެހުމުގައި އައިޝަތު މުޙައްމަދު ވާހަކަފުޅު ދައްކަވަމުން ހެކިންނަށް ރިޝްވަތު ހުށަހަޅާ އަދި ބަޔާނެއް ބަދަލު ކުރަން، ޔާމީން ނުފޫޒު ފޯރުވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި އައިޝަތު މުޙައްމަދު އެހެން ވިދާޅުވިޔަސް ހައި ކޯޓުގައި ދައުލަތުން ވަނީ ހެކިންނަށް ނުފޫޒު ފޯރުވާ، ހެއްކެއްގެ ބަޔާން ބަދަލު ކުރަން ޔާމީން މަސައްކަތް ކުރެއްވި ކަމުގެ ހެއްކެއް ނެތް ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް އަދި ލިބިފައެއް ނުވެއެވެ.
ރައީސުލް ޖުމްހޫރިއްޔަ އިބްރާޙީމް މުޙައްމަދު ޞާލިޙް ދިވެހިރައްޖޭގެ ބާ ކައުންސިލް އުފެއްދެވުމާއެކު ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދާނީ އެ ކައުންސިލުންނެވެ. އެގޮތުން ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓުކޮށް، ފިޔަވަޅު އަޅައި ބެލެހެއްޓުމާއި، ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ އުޞޫލުތައް ކަނޑައެޅުމާއި ގުޅޭ ހުރިހާ ކަމެއް ކުރައްވާނީ ބާ ކައުންސިލުންނެވެ.




