ރިޔާސީ އިންތިހާުބުގެ ނަތީޖާ ޤަބޫލުކުރަން ދަތިފުޅުކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާއި ގުޅުވައިގެން މިއީ ކުރުވާހަކަ މުބާރާތެއްގައި ބައިވެރިކުރަން ރަނގަޅު ވާހަކައެއްކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، ރިޔާސީ އިންތިޙާބުގެ ނަތީޖާ އަދިވެސް ޤަބޫލުކުރަން ދަތިފުޅުކަމަށް ރައީސް ޔާމީން ބުނެފައިވާ ޙަބަރެއް މިއަދު ޓްވީޓާގައި ޝެއާ ކުރައްވަމުންނެވެ.
"ކުރުވާހަކަ މުބާރާތެއްގައި ބައިވެރިކުރަން ރަނގަޅު ވާހަކައެއް" ޝަރީފު ވިދާޅުވީ މިހެންނެވެ.
ޝަރީފުގެ މި ޓްވީޓަށް ކޮމެންޓް ކުރައްވަމުން އިލެކްޝަން ކޮމިޝަނުގެ މެންބަރެއްކަމުގައިވާ އަހުމަދު އިކްރާމް ކޮމެންޓް ކުރައްވާފައިވާއިރު، އިކްރާމް ވިދާޅުވީ، ސިޔާސީ މަންފާ ހޯދުމަށްޓަކައި އިލެކްޝަން ކޮމިޝަން ބަދުނާމުވާގޮތަށް ހަޤީގަތެއް ނެތް ދޮގު ވާހަކަ ދެއްކުމަކީ ހިތާމަހުރިކަމެއްކަމަށެވެ.
ނިމިގެންދިޔަ 2018 އަހަރުގެ ރިޔާސީ އިންތިޙާބުގެ ބަލި ޤަބޫލުކުރައްވަން ދަތިފުޅުކަމަށް ރައީސް ޔާމީން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.