މަރު ސާބިތުކުރުން ހަރުދަނާކުރުމަށް ތަމްރީން ޕްރޮގްރާމެއް

މަރުވުމަށް ދިމާވާ ސަބަބު ބަޔާންކޮށް މަރު މަރު ސާބިތު ކުރުމުގެ މައުލޫމާތު ބެލެހެއްޓުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް މިނިސްޓްރީ އޮފް ހެލްތުއިން ބާއްވަފިއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިންނަށް ތަމްރީން ދެއްވީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަރާތުން ކަނޑައަޅުއްވާފައިވާ މިދާއިރާގެ މާހިރުންނެވެ.

މި މަހުގެ 27 އަދި 28 ވަނަ ދުވަހު ހެލްތް މިނިސްޓްރީން ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ 80އަށް ވުރެ ގިނަ ޑޮކްޓަރުންނާއި ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވިއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ، މިތަމްރީނުގެ މައިގަނޑު މަޤްޞަދަކީ ބައިވެރިންނަށް މަރު ސާބިތުކުރުމުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާއި އެއްގޮތަށް މަރު ސާބިތުކުރުމާއި މި މަސައްކަތް މޮނީޓަރ ކުރާނެ ގޮތާއި ބެހޭ ގޮތުން ތަމްރީން ދިނުންކަމަށެވެ.

މިތަމްރީން ޕްރޮގްރާމަށްފަހު، ދިވެހި ރާއްޖޭގެ ހޮސްޕިޓަލްތަކުގައި އަލަށް ވަޒީފާއަށް ނިކުންނަ ޑޮކްޓަރުންނަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް، ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ޑޮކްޓަރުންވެސް ހާއްސަކުރެވުނު ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓްރީން ވިދާޅުވީ، މި ޕްރޮގްރާމްގެ ތެރެއިން މަރު ސާބިތުކުރުމާ ބެހޭގޮތުން އުސޫލެއްވެސް އެކުލަވާލެވިފައިވާނެކަމަށާއި، އަދި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ މެޑިކަލް ސްކޫލާއި ގުޅިގެން، އަލަށް ތަމްރީން ކުރެވޭ ޑޮކްޓަރުންގެ މުޤައްރަރުގައި މި ތަމްރީން ހިމެނުމަށްވެސް ރޭވިފައިވާކަމަށެވެ.

މިނިސްޓްރީ އޮފް ހެލްތާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ގުޅިގެން ކުރިއަށް މިގެންދެވޭ މަސައްކަތުގެ އަމާޒަކީ މަރު ސާބިތުކުރާ ހިސާބުން ފެށިގެން، ބަލިތައް ކޯޑު ކުރުމާއި ސިއްޙީ މައުލޫމާތު ދިރާސާ ކުރުމުގެ ފެންވަރު ރަގަޅު ކުރުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ