ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލިބުނު ބޭރުގެ އެހީއާ ބެހޭ ގޮތުން ހެއްދެވީ އިތުރުފުޅެއް ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.
ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މިދިޔަ އަހަރާ ހަމައަށް ލިބިފައި ހުރި ބޭރުގެ މައިގަނޑު އެހީގެ މިންވަރު 3.4 ބިލިޔަން ރުފިޔާ އަށް އަރާ ކަމަށެވެ.
މަޖިލީހުގައި ޝާހިދު ވިދާޅުވީ ރައީސް ޔާމީނުގެ ފަސް އަހަރުގެ ތެރެއިން ފަހު ހަތަރު އަހަރު ރާއްޖެ އަށް ލިބުނު ބޭރުގެ އެހީގެ މިންވަރަކީ 1.9 ބިލިޔަން ރުފިޔާ ކަމަށެވެ. އެ އަދަދު މިހާރުގެ ސަރުކާރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"2018 ގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކުރައްވާފައި ހުރި ބައެއް މައުލޫމާތަށް ބަލާއިރުގައި މޭޖާ އެކްޓިވް އެކްސްޓާނަލް ގްރާންޓްސްގެ ތެރޭގައި 222 މިލިޔަން އެމެރިކާ ޑޮލަރު އެބައިން. އެއީ ގާތްގަނޑަކަށް 3.4 ބިލިޔަން ރުފިޔާ. އެހެންވީމާ ފުރަތަމައިނުން ވެސް މި އަދަދު ވެސް މި އޮތީ ދިމާ ނުވެ،" ސައީދު ވިދާޅުވި އެވެ.
ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އޭރުގެ ސަރުކާރުން ކުނި މެނޭޖްކުރުމަށް އެކަނި ވެސް 148 މިލިޔަން ޑޮލަރު ހޯދި ކަމަށެވެ.
"އެހެންވީމާ ފޮރިން މިނިސްޓަރު މިއަދު މަޖިލީހުގެ ތަޅުމުގައި އެ ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު އެވަނީ އިތުރުފުޅު ހައްދަވާފައި،" ސައީދު ވިދާޅުވި އެވެ.
ޝާހިދު އެގޮތަށް ވާހަކަ ދެއްކެވީ ރައްޔިތުންނަށް އޮޅުވައިލައްވަން ކަމަށް ތުހުމަތު ކުރައްވަމުން ސައީދު ވިދާޅުވީ ޕާޓީން އެކަން ކުށްވެރިކުރާ ކަމަށެވެ.
ޝާހިދު މިއަދު މަޖިލީހަށް ހާޒިރުކުރީ ކުރީގެ ސަރުކާރުން ގުޅުން ކަނޑާލާފައިވާ ގަތަރާ ގުޅުން ގާއިމުކުރުމަށް މި ސަރުކާރު ވެފައިވާ ވައުދު ފުއްދަން މަސައްކަތްކުރޭތޯ ބެލުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބުދާރީވެ ވަޑައިގަތުމަށެވެ.
ޝާހިދު ފޮރިން މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރާއްޖޭން ބޭރަށް ގިނަ އަދަދެއްގެ ދަތުރުތައް ކުރައްވާތީ އެކަމާ ބެހޭ ގޮތުން ވެސް ސުވާލު އަމާޒުވި އެވެ.
މި ސަރުކާރު އައި ފަހުން ފޮރިން މިނިސްޓްރީގެ ބަޖެޓުން 7.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއާ ހިލާފަށް މިދިޔަ ސަރުކާރުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެކަނި ވެސް ފޮރިން މިނިސްޓްރީގެ ބަޖެޓުން 27 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ
.ޝާހިދު ވިދާޅުވީ ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ލިބުނު 1.9 ބިލިއަން ރުފިޔާގެ ހިލޭ އެހީ މި ސަރުކާރުން ތިން މަސް ދުވަހުގެ ތެރޭގައި ހޯދާފައިވާ ކަމަށެވެ ކޮންމެ ސަރުކާރެއް އޮތަސް، ހާރިޖީ ވުޒާރާ އިން ދަތުރުތައް ކުރަންޖެހޭނެ ކަމަށާއި މިދިޔަ ސަރުކާރުން ވެސް ދަތުރުތަކެއް ކުރެއްވި ކަމަށެވެ.



