ކޮންމެ އިރުވައި މޫސުމުގައި ދޮންދޫނި ނިކުންނަ ގޮތަށް، ކޮންމެ އިތިޚާބަކާ ދިމާކޮށް ސިޔާސީ ބޮޑުން ނުކުންނާނެ ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވެފައި ވަނީ ރޭ އިދިކޮޅުން މާލޭގައި ބޭއްވި ރެލީގައި ވާހަކަ ފުޅު ދައްކަވަމުންނެވެ. ޔާމީން ވިދާޅުވެފައިވަނީ "މިއީ ފާރަވެރިވާން ޖެހޭ ބައެއް، މިއީ ނުރައްކާތެރިބައެއް، މީޤައުމު ފަސާދަކުރާ މީހުން" ކަމަށެވެ. މިމީހުން ދައްކާ ވާހަކަ އަޑުނާހަންވީކަމަށާއި ކޮންމެ ފަހަރަކު ދިވެހިރާއްޖެ އަނދަވަޅަކަށް ވައްޓާލަނީ މި ދެންނެވި ބޮޑުންގެ ޓީމުކަމަށް ޔާމީން ވިދާޅުވިއެވެ.
ނަރުދަމާއި ފެނާ މަގުތަކާ އެއަރޕޯޓާ ހަސްފަތާލުތައް ހުރީ ރައްޔިތުން އަތްޖެހޭ ހިސާބުގައިތޯކަމަށާއި އެހެނަކަމަށް ވަނީނަމަ މިކަންކަން ރައްތިތުން އަތްޖެހޭ ހިސާބަށް ގެނެސްދީފައިވަނީ ކާކުތޯ ޔާމީން ވަނީ ސުވާލުކުރައްވާފައެވެ. "ކުރިން ކުރީ ކާކުތޯ، މިހާރު ކުރީ ކާކުތޯ، ދެންވެސް ކުރާނީ ކާކުތޯ، އެހެން މީހަކަށް ކުރެވޭނެތޯ، އެހެން މީހަކަށް ނުކުރެވޭނެއޭ ބުނޭ" ޔާމީން ވިދާޅުވިއެވެ.
އެއްލައްކަ އެތައް ހާސްބަޔަކަށް ރައީސް ޔާމީންގެ ފަސް އަހަރުގައި އެތައްހާސް ވަޒީފާއެއް ލިބިގެން ދިޔަކަމަށާއި، މި ގޮތަށް ވިސްނާފައި އަޅުގަނޑުމެން ޒުވާނުން މިކަންކަން ނިންމަންވެއްޖެ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.
މިޖަލްސާގައި ޔާމީން ވަނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ފުޅު ދައްކަވާފައެވެ. އެގޮތުން މި ސަރުކާރަށް ހިސާބު ދިމާނުކުރެވޭ ކަމަށާއިހިސާބު ޖަހަންވެސް ނޭނގޭކަމަށް ވިދާޅުވިއެވެ. ރާއްޖެއަށް ވަންނަ ފައިސާއަށް ވާގޮތެއް ނޭނގޭ، ފައިސާ ނުކުންނަ ގޮތެއް ވެސް ނޭނގޭ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި މިހާރު ރާއްޖެމީހުން ރާއްޖެއިން ފުރާއިރުވެސް ބެލޭނެ ގޮތެއް ނެތް ކަމަށާއި ރާއްޖެއަށް މީހުން އެތެރެވާ އިރުވެސް ބެލޭނެ ގޮތެއް ނެތްކަމަށް ޔާމީން ވިދާޅުވިއެވެ.



