ބްރެޒިލްގައި މިއަހަރު ކުރިއަށްދިޔަ ކޮޕާ އެމެރިކާގެ ތެރެއިން ސައުތު އެމެރިކާގެ ފުޓްބޯޅާ ފެޑެރޭޝަން (ކޮންމެބޯލް) އަށް ކޮރަޕްޝަން ތުޙުމަތުކޮށް ފާޑުކިޔާފައިވާތީވެ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ތިން މަހުގެ ސަސްޕެންޝަންއެއް އަތުވެއްޖެއެވެ.
އެހެންކަމުން އާޖެންޓީނާގެ ޤައުމީޓީމާއި މެސީއަށް ބައިވެރިވެވޭނީ ނޮވެމްބަރުގައެވެ.
މެސީގެ ތުޙުމަތުތަކާއި ގުޅިގެން މެސީއަށް އާޖެންޓީނާ ޤައުމީ ޓީމުން ތިން މަހުގެ ސަސްޕެންޝަންއެއް ކުރިމަތިވެފައިވާއިރު، އޭނާ ވަނީ 50 ހާސް އެމެރިކާ ޑޮލަރުން ޖޫރުމަނާވެސް ކޮށްފައެވެ.
ކޮޕާ އެމެރިކާގެ ތިންވަނަ ހޮވިމެޗުގައި ޗިލީއާއި ދެކޮޅަށް ކުޅުނު މެޗުގައި މެސީއަށް ދެއްކި ރަތްކާޑަށް ފަހު އޭނާވަނީ ސައުތު އެމެރިކާގެ ފުޓްބޯޅާ ފެޑެރޭޝަން (ކޮންމެބޯލް) އަށް ކޮރަޕްޝަން ތުޙުމަތުކޮށް ފާޑުކިޔާފައެވެ.

“ކަރަޕްޝަންގެ މިޢަމަލުގައި އަހަރެން ބައިވެރިވާކަން ނެތިން. އަދި އަހަރެމެން އެންމެންވެސް ނުޖެހޭ ބައިވެރިވާކަށް. އަހަރެން އަބަދުވެސް ހަދާނީ ތެދު. އަހަންނަށް މިހާ ހަމަޖެހިލައިގެން ހުރެވޭ ސަބަބަކީމީ.” ޗިލީއާ ބައްދަލުކުރި މެޗަށްފަހު މެސީ ބުންޏެވެ.
މީގެއިތުރުން މެސީވަނީ، އެރަތްކާޑަކީ ބްރެޒިލް މެޗަށްފަހު ދެއްކި ވާހަކަތަކާއި ގުޅިގެން ލިބުނު ކާޑެއްކަމަށްބުނެ، ލޯ މެޑަލްއާއި ޙަވާލުމަށްވެސް ދެކޮޅުހަދާފައެވެ.
ސެމީ ފައިނަލްގައި ބްރެޒިލްއާ ބައްދަލުކޮށް އާޖެންޓީނާ ބަލިވި މެޗަށްފަހު މެސީ ބުނެފައިވަނީ މުޅި މުބާރާތްވެސް ރާވާފައިއޮތީ ބްރެޒިލްއަށް މުބާރާތް ކާމިޔާބުވާ ގޮތަށްކަމަށެވެ. އަދި މެސީގެ އެންމެ ބޮޑު ޝަކުވާއަކީ އެމެޗުގައި ރެފްރީ ވީއޭއާރުގެ ބޭނުން އެއްވެސް ވަރަކަށް ހިފާފައިނުވުމެވެ.
މިސަސްޕެންޝަންގެ ސަބަބުން މެސީއަށް އާޖެންޓީނާގެ ރަޙްމަތްތެރިކަމުގެ ދެ މެޗު ގެއްލޭއިރު، ވޯލްޑްކަޕް ކޮލިފައިން މެޗެއްވެސް ގެއްލޭނެއެވެ. މެސީއަށް ގެއްލޭނީ ސެޕްޓެމްބަރު 5 މެކްސިކޯއާއި ދެކޮޅަށްކުޅޭ ރަޙްމަތެރިކަމުގެ މެޗާއި، ސެޕްޓެމްބަރު 10 ޖަރުމަނީއާއި ދެކޮޅަށްކުޅޭ ރަޙުމަތްތެރިކަމުގެ މެޗުގެ އިތުރުން އޮކްޓޯބަރު 10 ގައި އާޖެންޓީނާ ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ކޮލިފައިން މެޗެވެ.



