ޢަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ގާފަރާއި ކާށިދޫގައި ޖާބިރު ބާއްވަން ވައުދުވި ފުޓްސަލް މުބާރާތްތައް ބިލާހަކަށް؟

މާލެ އަތޮޅު ކާށިދޫއާއި ގާފަރު ހިމެނޭ ކާށިދޫ ދާއިރާއަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގެ ތެރޭގައި އެންމެ ތަފާތު ކެމްޕޭނެއް ފެނިގެންދިޔަ އެއްދާއިރާއެވެ. ދެރަށަށް އިންޤިލާބީ ތަރައްޤީއެއް ގެނެސްދެއްވަން ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ޖާބިރު ވަނީ އެތައް ވައުދެއް ވެވަޑައިގެންފައެވެ.

ކާށިދޫ ދާއިރާއަށް އުމްރާނީ ބޮޑެތި ތަރައްޤީތަކެއް ގެނައުމުގެ އިތުރުން ޒުވާނުންނަށް އުޖާލާ މުސްތަޤަބަލެއް ހޯއްދަވައިދެއްވަން ކުޅިވަރަށް އެކި ގޮތްގޮތުން އެހީވުމަށް ޖާބިރު ވައުދުވެވަޑައިގެންނެވިއެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ގާފަރާއި ކާށިދޫގައި 100000ރ (އެއްލައްކަ ރުފިޔާ) ގެ އަގުބޮޑު ފުޓްސަލް މުބާރާތެއް ބޭއްވުމަށް ޖާބިރު ވަނީ ކެމްޕޭންގެ ތެރޭގައި ވައުދުވެވަޑައިގެންފައެވެ.

ގާފަރަކީ ކޮންމެ އަހަރަކުވެސް ކުޑަ އީދާއި ބޮޑު އީދުގައި ފޯރިގަދަ ފުޓްސަލް މުބާރާތްތަކެއް ބާއްވަމުން އަންނަ ރަށަކަށްވާއިރު، އަގުބޮޑު ފުޓްސަލް މުބާރާތެއް ބާއްވަން ޖާބިރު ވައުދުވެވަޑައިގެންފައިވުމުން ނިމިދިޔަ ކުޑަ އީދިގައި ބޭއްވި ފުޓްސަލް މުބާރާތަށް ޖާބިރުގެ އެހީތެރިކަމަށް ގާފަރު ޒުވާނުން އެދިލެއްވިއެވެ. ނަމަވެސް ފައިސާގެ އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެހީތެރިކަން ފޯރުކޮށްދީފައި ނުވެއެވެ.

ކުރިއަށް އޮތް ބޮޑު އީދުގައި ބާއްވާ ފުޓްސަލް މުބާރާތަށް ގާފަރު ޒުވާނުން އެހީތެރިކަން ބޭނުން ނަމަވެސް، ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ ޚަބަރެއް ނުވާކަމަށް އެރަށުން ވާހަކަ ދެއްކި ޒުވާނުން ބުނެއެވެ.

އެރަށު ޒުވާނުން ބުނީ ޖާބިރުގެ އެއްވެސް ޚަބަރެއް ނުވާތީވެ ކުރިއެކޭވެސް އެއްގޮތަށް ގާފަރު ޑިވެލޮޕްމަންޓް އެސޯސިއޭޝަނުން ބޮޑު އީދުގައި ފުޓްސަލް މުބާރާތް އިންތިޒާމް ކުރަމުންދާ ކަމަށެވެ.

ޗެމްޕިއަން ޓީމަށް 20000ރ އަދި ރަނަރއަޕް ޓީމަށް 10000ރ ދޭގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގެ މިއަހަރުގެ ބޮޑުއީދުގައި ބާއްވަން ހަމަޖެހިފައިވަނީ 9 ވަނަ މުބާރާތެވެ. ރާއްޖެތެރޭގެ ރަށެއްގައި ކުރިއަށް ގެންދާ މުބާރާތަކަށްވާތީ ސްޕޮންސަރުންގެ އެއްބާރުލުން ނުލިބޭކަންވެސް އެފަރާތްތަކުން ހިތާމައާއެކުގައި ފާހަގަކުރެއްވިއެވެ.

ގާފަރުން ވާހަކަދެއްކި ޒުވާނުން ބުނީ، އަދުގެ މަޖިލިސް މެންބަރުގެ އެއްވެސް އެއްބާރުލުމެއް ފުޓްސަލް މުބާރާތަށް ނުލިބުނު ނަމަވެސް، ކުރިން އެ ދާއިރާ ތަމްސީލު ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިގެ ކުރީގެ މެންބަރު އަދި އަދު ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ދައުރުގައި އެމަނިކުފާނުގެ ވަރަށް ބޮޑު އެއްބާރުލެއްވުމެއް ލިބިފައިވާކަމަށެވެ.

ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރު ވައުދުވެވަޑައިގެން މަޖިލިސް ގޮނޑީގައި އިންނަވަނިކޮށް، މެންބަރުގެ އެހީތެރިކަމަށް އެދި، އެއްވެސް އެހީތެރިކަމެއް އެއްބާރުލުމެއް ނުލިބި، ގާފަރު ޒުވާނުން ދެވަނަ ފުޓްސަލް މުބާރާތް ބާއްވަން ތައްޔާރުވަމުންދާއިރު ގާފަރާއި ކާށިދޫގައި ޖާބިރު ބާއްވަން ވައުދުވި ފުޓްސަލް މުބާރާތްތައް ބިލާހަކަށް ވީތޯ މިވަނީ ސުވާލު އުފެދިފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ