މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ، ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރަށް އަނބުރާ ހަވާލުކޮށްފައި ނުވާތީ އެ މައްސަލަ ބަލައި ދިނުމަށް އެދި ޖާބިރު ފުލުހުންގެ އިދާރާ އަށް މިއަދު ހުށަހަޅައިފި އެވެ.
ޖާބިރު ފުލުހުންނަށް ހުށެހެޅި ސިޓީ ވަނީ ޓުވީޓާގައި އާންމުކޮށްފައެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ޖާބިރު ފޮނުއްވި ސިޓީގައި ބުނެފައި މައުމޫން މަކަރާއި ހީލަތުން އޭނާގެ އަތުން 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ ނުލިބޭ ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.
އަދި މައުމޫން ފުލުސް އޮފީހަށް ހާޒިރު ކުރައްވައި، އެކަން ފުރިހަމަ ތަހުގީގެއް އަވަސް މުއްދަތެއްގައި ކުރެއްވުމަށް ޖާބިރު ވަނީ އެދިވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ޖާބިރުގެ ސިޓީގައި ވަނީ އޭނާ އަށް ލިބެން ޖެހޭ ހައްގު ލިބޭނެ ގޮތް ހަމަޖައްސައި ދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި ތަހުގީގު ކުރިއަށްދާ މިންވަރަކުން ހެކި ހުށަހަޅަމުން ދާނެ ކަމަށް ވެސް ސިޓީގައިވެ އެވެ.
ކުރީގެ ރައީސް މައުމޫން, ޖާބިރުގެ އަތުން އިންތިހާބުގެ ކެންޕޭން ދުވަސްވަރު ދަރަންޏަށް ނެންގެވި 29 މިލިއަން ރުފިޔާ ހަތް ދުވަސް ތެރޭގައި އަނބުރާ ރައްދުކޮށްދިނުމަށް އެދި ޖާބިރުގެ ނަމުގައި މައުމޫނަށް ފޮނުއްވާފައިވާ ސިޓީގެ ކޮޕީއެއް މިދިޔަ ޑިސެންބަރު މަސް ތެރޭގައި މީސް މީޑިއާގައި އާންމުވިއެވެ.
އެ ސިޓީގައި ޖާބިރު ވަނީ 29 މިލިއަން ރުފިޔާ ފާރިޝް މައުމޫނާ ހަވާލުކުރެއްވީ މައުމޫންގެ ހާޒިރުކަމުގައި ވިދާޅުވެ އެކަން ސާބިތުކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.
އަދި އެ ފައިސާ ނުދައްކައިފިނަމަ އެ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށް ކުރިންވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.