ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮންމެ ކަމެއްވެސް ކުރައްވާފައި ހުންނަވާނީ އެމަނިކުފާނަށް އެނގިލައްވައިގެން ކަމަށާއި ގާނޫނާއި ޚިލާފަށްވެސް ކަންތައްތައް ކޮށްފައި ހުންނަވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމަށް އަދީބު ހާޒިރުވެ ވަނީ ރައީސް ޔާމީންއާ ދެކޮޅަށް ހެކިބަސް ދެއްވައިފަ އެވެ.
ހެކިބަސް ދެއްވި ޝަރީއަތުގައި އަދީބު ވިދާޅުވީ އެސްއޯއެފަށް އެމްއެމްޕީއާރްސީގެ ފައިސާ ޖަމާކުރީ ރައީސް ޔާމީން އަމިއްލަފުޅަށް އަންގަވައިގެން ކަމަށެވެ. އަދީބު އެހެން ވިދާޅުވުމުން ރައީސް ޔާމީން ވަނީ އެ ވިދާޅުވަނީ ގާނޫނާއި ޚިލާފު ކަންތައްތައް ކުރި ކަމަށް އިއުތިރާފުވަނީތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި އަދީބު ވިދާޅުވީ ގާނޫނާއި ޚިލާފަށް ކަންތައްތައް ކޮށްފައިވާނެކަމަށާއި އެކަން ކޮށްފައިވާނީ ރައީސް ޔާމީންގެ "އޯޑަރަށް" ކަމަށެވެ. އަދި ރައީސް ޔާމީން ވެސް ގާނޫނާއި ޚިލާފުވެފައިވާ ކަމަށް ވިދާޅުވިއެވެ.
އަދީބު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދެއްވިއިރު މިއީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ތުހުމަތަށް އަދީބު ހައްޔަރުކުރި ފަހުން އެދެބޭފުޅުން އެއްތަނަކުން ބައްދަލުވި ފުރަތަމަ ފަހަރެވެ.



