އެމެރިކާއިން ޗައިނާއަށް އެތެރެކުރާ 75 ބިލިއަން ޑޮލަރުގެ މުދަލަށް 10 އިންސައްތައިގެ ޓެކްސް އެއް ނެގުމަށް ޗައިނާ ސަރުކާރުން ނިންމައިފި އެވެ.
ޗައިނާ ސަރުކާރުން މިގޮތަށް ނިންމައިފައިވަނީ އެމެރިކާއަށް ޗައިނާއިން އެތެރެކުރާ 300 ބިލިއަން ޑޮލަރުގެ މުދަލަށް 10 އިންސައްތައިގެ ޓެކްސް ނެގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޕުލޭން ކުރައްވާކަން ހާމަކުރެއްވުމާއި ގުޅިގެން އެކަމުގެ ރައްދެއްގެ ގޮތުންނެވެ.
މީގެ އިތުރުން މިއަހަރުގެ ކުރީކޮޅު ޗައިނާ ސަރުކާރުން ޓެކްސް ނެގުން ހުއްޓާލައިފައިވާ އެމެރިކާއިން އެތެރެކުރާ ކާރުގެ ބާވަތްތަކުންވެސް ޓެކްސް ނެގުމާއި ދޭތެރޭ ވިސްނަމުން ދާކަމަށް އެގައުމުން ހާމަކުރެއެވެ.
ޗައިނާއިން އެތެރެކުރާ 300 ބިލިއަން ޑޮލަރުގެ މުދަލުން ޓެކްސް ނެގުމަށް ޓުރަމްޕް ނިންމަވައިފައިވަނީ ޗައިނާ އާއެކު އެއްބަސްވެފައިވާ ގޮތަށް ޗައިނާއިން އެމެރިކާގެ ދަނޑުވެރިކަމުގެ މުދާ ނުގައްނާތީ ކަމަށް ޓުރަމްޕް މިމަހުގެ ކުރީކޮޅު ވިދާޅުވެފައި ވެއެވެ.
އިގްތިސާދީ ބޮޑު ދެބާރު ކަމަށްވާ އެމެރިކާ އަދި ޗައިނާއިން ވިޔަފާރީގެ ހަނގުރާމަ ފެށުމާއެކު މީގެ ކުރިންވެސްވަނީ ދުނިޔޭގެ އިގްތިސާދައް އެކަމުގެ އަސަރުކޮށްފައެވެ. މި އަސަރުތައް ކުޑަކުރުމަށް މިއަހަރުގެ ކުރީކޮޅު ދެގައުމުން މަސްވަރާކޮށްވަނީ އެއްބަސް ވުމުކަށް އައިސްފައެވެ. ނަމަވެސް މިހާރު އަނެއްކާވެސް މިވަނީ ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ހަނގުރާމައެއް ފެށުމަށް ތައްޔާރު ވެފައެވެ.



