މައުމޫން، ރައީސް ސޯލިހާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމަށްފަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ސިޔާސީ ޕާޓީ ކަމަށްވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ފުރިހަމަ ތާއީދު ސަރުކާރަށް އޮންނާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހަށް އެރުވި ކަމަށެވެ.

މީގެއިތުރުން ގައުމީ މުހިއްމު މައްސަލަތަކާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ގިނަ ދުވަސްތަކަކަށްފަހު ރައީސް މައުމޫން، ރައީސް ސޯލިހާއި ބައްދަލުކުރައްވާފައިމިވަނީ އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމާ ގުޅޭ ބަހުސް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ޢިސްލާމްދީނުގައި ހުއްދަކަމެއް ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވާކަމަށް ކުރީގެ ރައީސް މަޢުމޫން ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން ކަމަށްވާ ޑރ.އަޒްމިރަލްޑާ ޒާހިރު އަދި އަލްއުސްތާޛާ. އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާއި މެދު ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގެންފައިވާއިރު ރާއްޖޭގެ ގިނަ އަދަދެއްގެ އިލްމުވެރިން ވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހަރާމް ކަމެއް ކަމަށާއި، އެ ނިންމުން ބަދަލު ކުރަން ރައީސް އަށް އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ