އިދިކޮޅު މައި ޕާޓީގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޕީޕީއެން އަދި ޕީއެންސީ އަކީ ފިކުރެއްގެ މައްޗަށް ބިނާވެގެން ހިންގާ ދެ ޕާޓީކަމުގައި ޕީއެންސީގެ ރައީސް އަދި ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަޙީމް ވިދާޅުވެފައިވަނީ ޕީޕީއެމް އަދި ޕީއެންސީ އަކީ ތަރައްޤީއާއި ކުރި އެރުމުގެ ފިކުރު ކަމަށާއި، ބިނާ ކުރުމާއި އާރާސްތު ކުރުމުގެ ފިކުރު ކަމަށެވެ. އަދި އަމިއްލަ މަސްލަހަތައްވުރެ ޤައުމުގެ މަސްލަހަތު އިސްކުރުމުގެ ފިކުރު ކަމަށެވެ.
ޕީޕީއެމްގައި އިސްކޮށް އުޅުވި ވަރަށް ގިނަ އަދެއްގެ ބަޔަކު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތް ދަނޑިވަޅެއްގައި އަބްދުއްރަޙީމް ވިދާޅުވެފައިވަނީ މި ފިކުރު ކުރިއަރުވާނެ ބަޔަކު އަބަދުވެސް ތިބޭނެ ކަމަށާއި، އެކިއިރު ތިބޭނީ އެކި މީހުން ކަމަށެވެ.
އަބްދުއްރަޙީމް އަކީ މިހާރުގެ ސަރުކާރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ވިދާޅުވާފަރާތެކެވެ. އަދި އަބްދުއްރަޙީމްއާއި އެކު މަސައްކަތް ކުރެއްވި ކުރީގެ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ހުންނެވި ގިނަ އަދަދެއްގެ ބަޔަކު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑާއިގަތް ކަމުގައި ވީނަމަވެސް އަބްދުއްރަހީމް އަދިވެސް ހުންނެވީ ރައީސް ޔާމީންއާއި އެކު ޕީއެންސީގައެވެ.



