މާލޭގެ މިސްކިތެއްގައި މަޣްރިބް ނަމާދުކުރަން ހުރި މީހެއްގެ އައިފޯނު ވަގަށް ނަގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ އިރު އޮއްސި 18:30 އެހާއިރުއެވެ. އެމީހާގެ ފައިކައިރީގައި ފޯނު ބާއްވައިގެން ނަމާދަށް ހުއްޓާ މީހަކު ވަނީ އޭނާގެ ފޯނު ވަގަށް ނަގާފައެވެ. ވަގަށް ނަގާފައިވަނީ އައިފޯނު އެކްސް އެސް މޯބައިލް ފޯނެކެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ރޭ 19:20 ހާރިއު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. މި މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެ ފޯނު ވަގަށްނެގި މީހާ ރޭ 22:19 ހާއިރު ހޯދާ ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށްފައެވެ. އަދި ރޭ 23:15 ހާއިރު ފޯނު ހޯދުމަށްފަހު ވެރިފަރާތާއި ފޯނު ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.




