ފ.އަތޮޅު ރަށްތަކާއި މާލެއާއި ދެމެދު ދަތުރު ކުރާ ބޯޓަކުން ބައިމިލިއަނެއްހާ ދިވެހި ރުފިޔާ ވަގައްނަގައިފިއެވެ.
450000ރ (ހަތަރު ލައްކަ ފަންސާސް ހާސް ރުފިޔާ) ވަގަށް ނަގާފައިވަނީ ފ.ބިލެއްދޫއަށް ނިސްބަތްވާ "އެންދެރި" ނަމަކަށް ކިޔާ މާލެ ދަތުރުކުރާ ބޯޓަކުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިފައިސާތައް ވަގަށް ނަގާފައިވަނީ ހޯމަ ދުވަހުގެ ރޭ މާލެއިން ފުރައިގެން ފ.އަތޮޅަށް ކުރި ދަތުރުގެވެ.
އެބޯޓުން "ނިލަންދެ" އާ ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ، ވަގަށް ނަގާފައިވަނީ އެބޯޓުގެ ކަބަޑެއްގައި ތަޅުލާފައި ބަހައްޓާފައިހުރި ފައިސާތަކެއް ކަމަށެވެ.
ފުލުހުން ވިދާޅުވީ، 2019 އޮގަސްޓް 27 ވީ އަންގާރަ ދުވަހު ހެނދުނުގެ ވަގުތެއްގައި މާލެއިން ފުރައިގެން ފ.ބިލެތްދޫއަށް ދިޔަ ބޯޓެއްގެ ކަބަޑުތެރޭގައި ބަހައްޓާފައިހުރި 450000ރ ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.



