މޯލްޑިވިއަންގެ ފްލައިޓެއް

ރާއްޖެ އާއި ޗައިނާއާ ދެމެދު މޯލްޑިވިއަންއިން ސީދާ ދަތުރުތައް ފަށަނީ

ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު، ގައުމީ އެއާލައިން، މޯލްޑިވިއަން އިން ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.

އަންނަ އަހަރު މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރާ އޭ-330 މަރުކާގެ ފްލައިޓާއިއެކު ރާއްޖެ-ޗައިނާއާ ދެމެދު ސީދާ ދަތުރުތައް ފަށާނެ ކަން ހާމަކޮށްފައިވަނީ ޗައިނާގައި މިހާރު ކުރިއަށްދާ، ޓްއާއޮޕަރޭޓަރުންގެ ކޮންފަރެންސުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީއެވެ.

މޯލްޑިވިއަން އިން ޗައިނާގެ ހަ މަންޒިލަކަށް މިހާރު ދަތުރުތައް ކުރަން ބޭނުންކުރާ، އެ އެއާލައިންގެ ފްލީޓްގައި ހިމެނޭ އެންމެ ބޮޑު ބޯޓް އެެއާބަސް، އޭ-321 މަރުކާގެ ފްލައިޓަކީ ވައިޑް-ބޮޑީ އެއާކްރާފްޓަކަށް ނުވާތީ، މޯލްޑިވިއަން އިން އެ ދަތުރުތައް މިހާރު ކުރަނީ ބެންކޮކް މަގުންއެވެ.

މޯލްޑިވިއަން އިން މިހާރު އޮޕަރޭޓް ކުރަނީ ޑޭޝް8-200 މަރުކާގެ ދެ ބޯޓާއި ޑޭޝް8-300 މަރުކާގެ އަށް ބޯޓާއި އެއާބަސް އޭ 320 މަރުކާގެ އެއް ބޯޓާއި އެއާބަސް އޭ 321 މަރުކާގެ އެއް ބޯޓް އަދި ޑީއެޗްސީ ޓްވިން އޮޓާގެ 11 ބޯޓެވެ.

މޯލްޑިވިއަން އިން ކުރިން ވަނީ އަށް މަތިންދާބޯޓަކަށް ފައިސާ ދައްކައިފަ އެވެ. އޭގެ ތެރޭގައި، މިހާރު އޮޕަރޭޓް ކުރަން ތައްޔާރުވަމުން އަންނަ އޭ 330 މަރުކާގެ ދެ ބޯޓު ވެސް ހިމެނެ އެވެ. ބާކީ ބޯޓުތައް ގެންނާނެ އިރެއް އެ ކުންފުންޏަކުން އަދި ނުބުނެ އެވެ.

އޮންލައިން ނޫސް "ސަން" އަށް ރިޒްވީ ވިދާޅުވެފައިވަނީ، އަންނަ އަހަރު އަލަށް އިތުރު ކުރާ، އޭ-330ގެ ބޯޓާ އެކު، ޗައިނާ އާއި ރާއްޖެއާ ދެމެދު ދަތުރު ކުރާ ޕެސެންޖަރުންގެ އަދަދުވެސް އިތުރު ކުރެވޭނެ ކަމަށާއި، ދަތުރުތަކުގެ ހަރަދު ކުޑަވުމުގެ އިތުރުން، ޗައިނާގެ އެހެން ސިޓީތަކަށް ދަތުރުތައް ފުޅާކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ