ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ޢަބްދުﷲގެ ތަޙްޤީޤަށް ރައީސް ޔާމީން ނުފޫޒު ނުފޯރުވާކަން ވީނުވީ ނޭނގި މަރުވެފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ވާހަކަތަކުން ހާމަވެފައިވާކަމަށް، ރައީސް ޔާމީނަށް ނިސްބަތްވާ އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމް އިން ބުނެފިއެވެ.
ޕީޕީއެމް އިން މިހެން ބުނެފައިވަނީ، މަރުތައް ބަލާ ކޮމިޝަންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އުފައްދާފައިވާ ކޮމިޝަނުން 01 ސެޕްޓެމްބަރ 2019 ގައި ބޭއްވި ނޫސް ކޮންފަރެންސްގައި ހާމަ ކުރެއްވި ސާބިތުނުހިފޭ މަޢުލޫމާތު ތަކާ ގުޅޭގޮތުން އެޕާޓީން ނެރުނު ނޫސްބަޔާނެއްގައެވެ.
ޕީޕީއެމް އިން ބުނީ، ރިޟްވާންގެ ތަޙްޤީޤަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެފައިވާއިރު، އެ ކޮމިޝަނުން މިއަދު ޢާއްމު ކުރި މައުލޫމާތު ތަކަކީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހި ފުލުހުން ތަޙުޤީގުކޮށް ހޯދާފައިވާ މަޢުލޫމާތުތަކެއް ކަމަށާއި، ކުށުގެ ތުހުމަތު ކުރެވޭ ކަމަށް ބުނި މީހުންނަކީ، މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ތަޙްޤީގުތަކުން ލިބުނު މައުލޫމާތުތަކަށް ބަލައި ހައްޔަރުކޮށް، ދައުލަތުން ދައުވާކޮށްފައިވާ މީހުން ކަމަށެވެ.
"މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާނު ގެއްލުވާލުމާ، ރައީސް ޢަބްދުﷲ ޔާމީނާ ގުޅުވައިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން އެތައް އަހަރެއް ވަންދެން ދައްކަމުން އައީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމާއި، މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާނުގެ މަރާއި، ރައީސް ޢަބްދުﷲ ޔާމީންއާ އަދި އެމަނިކުފާނުގެ ސަރުކާރާވެސް ގުޅުމެއް ނެތްކަން މިއަދު މިވަނީ ރައްޔިތުންނަށް ހާމަވެފައި." ޕީޕީއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމް އިން ބުނީ، އޭރުގެ އިދިކޮޅު ފަރާތްތަކުން ރައީސް ޢަބްދުﷲ ޔާމީން ބަދުނާމުވާގޮތަށް މި ހުރިހާ ވާހަކައެއް ދައްކާފައިވާކަމާއި، މިކަމާ ގުޅޭގޮތުން ސާބިތު ނުހިފޭ ދޮގުވާހަކަތައް ފަތުރާފައިވާ ފަރާތްތައް އޭރުގައި ދައްކާފައިވަނީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއްކަން މިހާރުގެ ހޯމް މިނިސްޓަރ ހާމަ ނުކޮށް ހުރުމަކީ ހޯމް މިނިސްޓަރގެ މަޤާމުގައި ހުންނެވި އައްޝައިޚް އިމްރާން ޢަބްދުﷲގެ ނިޔަތާމެދު ދިވެހިރައްޔިތުން ސުވާލު އުފައްދާނެ ކަމެއް ކަމަށެވެ.
"މަރުތައް ބަލާ ކޮމިޝަނުން 01 ސެޕްޓެމްބަރ 2019 ގައި ކުރި ނާތަހުޒީބީ ބުހުތާނުގެ ޢަމަލު ހަރުކަށި ޢިބާރާތުން ކުއްވެރި ކުރަން. އަދި މިފަދަ ނާތަހުޒީބު އަމަލުތައް ތަކުރާރު ނުކުރުމަށް އަދުގެ ސަރުކާރަށާއި، އެންމެހައި މުއައްސަސާތަކަށް އިލްތިމާސް ކުރަން." ޕީޕީއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މަރުތައް ތަޙްޤީޤުކުރާ ކޮމިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް ސުޢޫދު އިއްޔެ ވިދާޅުވީ، މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ޢަބްދުﷲ ވަނީ ކަނޑުމަތީގައި މަރާލާފައި ކަމަށާއި، ރިލްވާން އަދި ބްލޮގަރ ޔާމީން ރަޝީދުވެސް މަރާލާފައިވަނީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އައިއެސް އަދި އަލްޤައިދާއަށް ވާގިވެރިވާ ހައްދުފަހަނައަޅާފައިވާ ދީނީ ހަރުކަށި ފިކުރުގެ “ޖިހާދީ ފިކުރުގެ ޖަމާއަތުން” ކަމަށެވެ.