ރައީސް ޔާމީން - ފޮޓޯ: މިހާެރު

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ

ކުރިމިނަލް ކޯޓުގައި މިހާރު ކުރިޔަށްދާ, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމައަށް ތާވަލް ކޮށްފިއެވެ.

ދަޢުލަތުން ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގ ގެ މައްސަލައިގެ މި އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 10:30 ގަި ކްރިމިނަލް ކޯޓްގައެވެ.

މާދަމާ އޮންނަ މި އަޑުއެހުމަކީ އިތުރަށް ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުމެވެ. އެންމެ ފަހުން ޔާމީންގެ ޝަރީއަތެއް ބާއްވާފައި ވަނީ އޯގަސްޓް 22 ވަނަ ދުވަހުއެވެ. އެ ދުވަހުވެސް ކުރިޔަށް ގޮސްފައިވަނީ ދަޢުލަތުގެ ފަރާތުން ހެކި ހުށައެޅުމެވެ. އެގޮތުން އެންމެ ފަހުން ކުރިޔަށްގެންދިޔަ އަޑުއެހުމުގައި ކުރީގެ ނައިބުރައީސް އަޙްމަދު އަދީއާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޒިޔަތުވެސް ވަނީ ޔާމީނާއި ދެކޮޅަށް ހެކިބަސް ދެއްވާފައެވެ.

ދަޢުލަތުން ޔާމީނާ ދެކޮޅަށް ހުށައަޅާފައިވާ އިތުރު ހެކިންގެ ތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒަމީނާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި މިހާރުގެ ރައީސް މުއައްވިޒް ރަޝީދު ވެސް ވަނީ ހިމެނިފައެވެ.

ނަމަވެސް އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުޠުފީ ވަނީ ޔާމީނާއި ދެކޮޅަށް ހެކިބަސް ދެއްވަން ބޭނުން ފުޅު ނުވާ ކަމަށް ވިދާޅުވެފައެވެ.

މާދަމާ މި ޝަރީއަތުގެ ތިންވަނަ އަޑުއެހުން އޮންނައި، ކުރިމިނަލް ކޯޓުގައި ކުރިޔަށްދާ މި ޝަރީއަތުގެ ހުރިހާ އަޑުއެހުމެއްވެސް ކުރިޔަށް ގެންދަނީ އާންމުކޮށް ހުޅުވާލައިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ