ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު - ފޮޓޯ: ރައީސް އޮފީސް

ރިލްވާންގެ އާއިލާއިން އުއްމީދުކުރިފަދަ ޚިދުމަތެއް ދެވިފައިނުވާތީ ހިތާމަކުރަން - ފުލުހުން

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ މ.ޝައިނިންގސްޓަރ، އަޙްމަދު ރިލްވާން ޢަބްދުﷲ ގެ އާއިލާއިން އުއްމީދުކުރިފަދަ ޚިދުމަތެއް ދެވިފައިނުވާތީ ހިތާމަކުރައްވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން ތަޙްޤީޤުކުރަމުންދާ، މ.ޝައިނިންގސްޓަރ، އަޙްމަދު ރިލްވާން ޢަބްދުﷲ ގެއްލުވާލި މައްސަލަ ތަޙްޤީޤުކޮށް ޢާއްމުކޮށްފައިވާ މަޢޫލޫމާތާއި ގުޅިގެން ދާދި ދެންމެ ނެރުއްވި ނޫސްބަޔާނެއްގައެވެ.

ފުލުހުން ވިދާޅުވީ، ރިލްވާން ގެއްލުވާލި މައްސަލައާއި ގުޅިގެން އަޙްމަދު ރިލްވާން ޢަބްދުﷲ ގެ އާއިލާއާއި އެކުވެރީން ކުރަމުންދާ ހިތާމައިގެ ފުލުހުންގެ މުއައްސަސާވެސް ބައިވެރިވާ ކަމަށެވެ.

"އަޙްމަދު ރިލްވާން ޢަބްދުﷲ އަށް އިންސާފު ހޯދައިދިނުމުގައި އަޙްމަދު ރިލްވާން ޢަބްދުﷲގެ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން އުއްމީދުކުރި ފަދަ ޙިދުމަތެއް މި ސަރވިސްއަށް ފޯރުކޮށްދެވިފައި ނުވާތީ މި ސަރވިސްއިން އެކަމާ ހިތާމަކުރަން." ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ރިލްވާން ގެއްލުނުތާ އެތައް އަހަރެއް ވެފައިވާއިރު، ރިލްވާނަށް ވީގޮތެއް ފުލުހުންނަށް ހާމަކުރެވިފައެއް ނުވެއެވެ. ނަމަވެސް މަރުތައް ތަޙްޤީޤުކުރާ ކޮމިޝަނުން އިއްޔެވަނީ ރިލްވާން ކަނޑުމަތީގައި މަރާލާފައިވާ ކަމަށް ވިދާޅުވެފައެވެ.

ރިލްވާންގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށާއި، ރިލްވާނަށް ވީގޮތް ހާމަކުރުމަށް ގޮވާލާ އެތައް ފަހަރަކު ވަނީ އެއްވުންތައްވެސް ބާއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ