‎އެންމެން ދަންނަ ބޮޑު ސިއްރު!

އޭނާ އޮށޯވެ އެއޮތީ ހަޤީޤަތުގަވެސް ވަރަށް ވޭނުގައެވެ. ހަށިގަނޑުގެ ބޭރުން ފެންނަންނެތް ބައްޔެއްވީމަ އިޙްސާސްނުވެދާނެއެވެ. ބަނޑަށް ތަދުވަނީއެވެ. އުނަގަނޑު މައްޗަށްވެސް ވަނީ ދިލަ ތޫނު ތަދެކެވެ. ބަނޑުކޮޅުގައި ހުރަހަށް ވަޅިއެއް އަޅާ ކަފާފަ ފަދައެވެ. ފުންފުން ތަދެކެވެ. ބޯއަނބުރަނީއެވެ. މޭނުބައި ކުރަނީއެވެ. ހޮޑުލެވެނީއެވެ.
ފާހާނާއަށް އަބަދު އަބަދު ދެވެނީއެވެ.ގައިހޫނުވެފައެވެ. އެތެރެ ހަށީގައި ހުން އުޅޭކަހަލަ އިޙްސާސެއްވެސްވެއެވެ. ތެދުވެ ހިނގާބިގާވެ އުޅޭނެ ވަރެއް ނެތެވެ. މަސައްކަތެއް ކުރާނެ މޫޑެއްވެސް ނެތެވެ.

އާއެކެވެ. ޕީރިއެޑްވޭނަކީ ތިހީކުރާ ވަރަށްވުރެ އަސަރުހުރި ވޭނެކެވެ. މިހެން ބުންޏަސް ކޮންމެ އަންހެނަކަށް މިވޭން ތަހައްމަލް ކުރަންނުޖެހިދާނެއެވެ. އެކަމު އެވޭނަކީ ގިނައަންހެނުންގެ ވޭނީ އާހެކެވެ. މުޖުތަމަޢުގައި ޕީރިއެޑްވުމަކީ ހަޑިކަމަކަށް ވަނީ ވެފައެވެ. މީހުން އުޅޭ ބައިބޯ ތަނެއްގައި އަންހެނަކު ޕީރިއެޑްވެފަ ހެދުމުގައި ލޭހުރިތަން ފެނިއްޖިއްޔާ ކުރިޔަށް އޮތް 3 މަހު ގޭންނިކުންނަން ނުކެރޭވަރަށް ލަދުގަންނަވާލައެވެ. އެކަމު ކީއްވެގެން ހެއްޔެވެ؟
ސްކޫލްގައި އިންދާ ނޭނގި ޕީރިއެޑްވުމަކީ ކާޅުހާއްޔަކުން ކާޅެއް ނެގުން ފަދަކަމެކެވެ. ހަޅޭއްފަޅޭއްލަވާ ލަދުގަންނަވާނެއެވެ.ފެންނަހާތާކުން އެވާހަކަ ފަށާ ލަދުގަންނަވާނެއެވެ. އެކަމު ކީއްވެހެއްޔެވެ؟

ރަމަޟާން މަހު ކުއްޖަކު ޕީރިއެޑް ވެގެންކަން އެނގިއްޖިއްޔާ ޒަމާން ދިޔައީއެވެ. ފަޟީހަތްކޮށް މަގުމަތީ، ލަދުގަންނަވާ، ރޮންދެން އެކުއްޖަކާ ފޮށޭނެއެވެ. މިއުޅެނީ ފާހިޝް އަމަލެއް ހިންގައިގެންނެއް ނޫންވިއްޔާއެވެ. އަމުދުން ގޭގައި އުޅޭ ފިރިހެނަކަށްވެސް އެނގިދާނެތީ އެކުއްޖާ ފަކީރު ކާންނުކެރި އިރުއޮއްސެއްދެން ހުންނަތަން އާދެއެވެ. ދިމާކޮށް ލަދުގަންނަވާނެތީއެވެ. އެކަމު ކީއްވެހެއްޔެވެ؟

ޕެޑްފޮއްޓެއް ގަތުމަކީ ޒަމާނުއްސުރެ އަންހެނުންވެސް ސިއްރުން ކުރާކަމަކަށްވަނީ ވެފައެވެ. އެތެރެ ނުފެންނަ ކޮތަޅު ހިފައިގެންވެސް ޕެޑް ގަންނަން ބައެއް އަންހެނުން އެބަދެއެވެ. އެކަމު ކީއްވެގެން ހެއްޔެވެ؟

ޕީރިއެޑް ވުމަކީ ކޮންމެ އަންހެނަކަށްވެސް ދިމާވާ ހާލަތެއްކަން ނޭނގޭ ފިރިހެނަކުވެސް ނޫޅޭނެއެވެ. އެކަމަކުވެސް އެއީ ސިއްރު ޙާލަތަކަށްވަނީ ވެފައެވެ. 

ނޫނެކެވެ. އެހާ ސިއްރެއް ނޫނެވެ. އެންމެން ދަންނަ ބޮޑު ސިއްރެކެވެ! ޕީރިއެޑް ނުވުމަކީވެސް ބައްޔެކެވެ.
ފަރުވާއެއް ހޯދަން ޖެހޭކަމެކެވެ. ވީއިރު ޕީރިއެޑްވުމަކީ އަންހެނާގެ ސިއްޙަތު ސަލާމަތުން ހުރުމަށް ﷲ ޠަޢާލާ މެދުވެރި ކުރައްވާކަމެކެވެ. އެހާލަތުގައި އަންހެނާއަށް ނަމާދު ކުރުމެއް، ޤުރުއާންގައި ބީހުމެއް، ރޯދަހިފުމެއްވެސް ނުވެއެވެ. އަދި އެދުވަސް ތަކުގެ ނަމާދު ޤަޟާކުރުމެއްވެސް ނެތެވެ.

އެހާލަތުގައި މިހާ ލުއިފަސޭހަ ދީނުގައި ދެއްވާފަ ވާއިރު މުޖުތަމަޢުން އެވަރު ނުވިސްނެނީ އަޅެކީއްވެބާއެވެ؟ 
ތިހީކުރެވެނީ އަދި ރަނގަޅަކަށް ނޫނެވެ. ޕީރިއެޑްވުމަކީ ކުށެއް ނޫނެވެ. އެއީ ތަބީއީ ނިޢުމަތެކެވެ.

ލިޔުނީ: އަހުނާ

މިލިޔުން ކިޔާލުމުން
41
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ