އުފެދުމުގައި ދެބޯ ފަޅާފައިވާ އާދަޔާހިލާފުގެ ޅަ ވެލައެއް ސައުތް ކެރޮލީނާގެ ބީޗްއަކުން ފެނިއްޖެއެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ވެލައެކެވެ.
މި ކުޑަ ވެލާ ފެނިފައިވަނީ ސީ ޓާޓަލް ޕެޓްރޯލް ހިލްޓަން ހެޑް އައިލެންޑުގެ ވޮލެންޓިއަރުންގެ ޓީމަކަށެވެ. އަދި މި ޓީމަށް މި ވެލާ ފެނިފައިވަނީ އަޅާފައިވާ ވެލާ ބިސްތަކެއްގެ ތެރެއިން ވެލާތައް ވިހާފައިވަނިކޮށެވެ.
ދެ ބޯ ފަޅާފައިވާ މި ކުޑަ ވެލައަށް "ސްކޮއަރޓް އެންޑް ކްރަޝް" ގެ ނަމުން ނަންދީފައިވާއިރު، މި ވެލާ ވަނީ އެ ވޮލެންޓިއަރުންގެ ޓީމުން އެހެން ވެލާތަކާއެކު މޫދަށް ދޫކޮށްލާފައެވެ.
އާއްމުކޮށް އިތުރު ބޮލަކާއެކު އުފަންވާ ދިރޭއެއްޗެހީގެ ތެރޭގައި ވެލާ އަދި ނަންނުގަތި ހިމެނޭއިރު، މިއީ ގުދުރަތީގޮތުން ޑީ.އެން.އޭ އަށް އަންނަ ބަދަލުތަކެއްގެ ސަބަބުން “ޖީން މިއުޓޭޝަން” އަށް އަންނަ ބަދަލެކެވެ.
ދެ ބޯ ފަޅާފައިވާ ވެލައެއް އާއްމުކޮށް ވަރަށް މަދުން ނޫނީ ނުފެންނައިރު، ސީ ޓާޓަލް ޕެޓްރޯލް ހިލްޓަން ހެޑް އައިލެންޑުގެ ވޮލިޓިއަރުންގެ ތެރެއިން މި ވެލާ ފެނުނު ފަރާތުން މައުލޫމާތުދީފައިވާ ގޮތުގައި، މި ފަދަ ގޮތަކަށް އުފަންވެފައިވާ ވެލައެއް އޭނައަށް ފެނުނު މިއީ ދެވަނަ ފަހަރެވެ.
ސީ ޓާޓަލް ޕެޓްރޯލް ހިލްޓަން ހެޑް އައިލެންޑުން މި ވެލާގެ ފޮޓޯ ފޭސްބުކްގައި ހިއްސާކޮށްފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން މި ފޮޓޯއަށް ވަނީ ހުއްޓިފައެވެ.
We thought we had seen it all during this very busy season on Sea Turtle Patrol! Yesterday on patrol during a nest...
Posted by Sea Turtle Patrol Hilton Head Island on Wednesday, August 28, 2019
ވެލައަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. އަދި ވެލާ ހިފުމާއި، ވެލާގެ ވިޔަފާރި ކުރުމާކީ ޤާނޫނީ ގޮތުން އަދަބު ލިބޭނެ ކުށްތަކެވެ.
އެހެންނަމަވެސް ރާއްޖޭގައި ވަގަށް ވެލާ ހިފުން މިހާރު ވަނީ އާއްމުކަމަކަށްވެފައެވެ.




