ޑރ.ޖަމީލް

ބަދަލަކަށް ގެނައި ބަދަލުން ރައްޔިތުން ގޮތްހުސްވެއްޖެ - ޑރ.ޖަމީލް

ބަދަލަކަށް ގެނައި ބަދަލުން ރައްޔިތުން ގޮތްހުސްވެފައިވާކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ފުރަތަމަ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިހެން ވިދާޅުވީ، ރައީސް ޔާމީނާއި، އިދިކޮޅު ސިޔާސީ ލީޑަރުންނާއެކު، އެއްނަންބަރު ފާލަމުގައި ހުންނަވައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

"ބަދަލަކަށް ގެނައު ބަދަލުން ރައްޔިތުންނަށް ގޮތް ހުސްވެއްޖެ. އެހެންވީމާ ރައްޔިތުންނަށް ގޮތެއް ހޯދައިދިނުމަށްޓަކީ ޤައުމާ ދޭތެރޭގައި ވިސްނާ ކޮންމެ ބަޔަކުވެސް ކުރަންޖެހޭ މަސައްކަތެއް." ޖަމީލް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގައި ހުންނެވި ޖަމީލް ރައީސް ޔާމީނާއެކު ނިކުމެވަޑައިގެންނެވުމުން ނޫސްވެރިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޖަމީލް ވިދާޅުވީ، ރައްޔިތުންނަށް ގޮތެއް ހޯދައިދިނުމުގެ މަސައްކަތުގައި ހުންނެވި ކަމަށެވެ.

"ކޮން ސަރުކާރެއްތޯ އަޅުގަނޑު އިސްވެހުރެ ނުގެންނަނީ. އެޔެއް ނޫން ދެއްތޮ، ކޮންމެ ބަޔަކު އިސްވެހުރެ ކުރި ކަމުގައި ވިޔަސް ގޮތް ހުސްވީމަ ގޮތް ހޯދައިދޭންޖެހޭ. އެހެންވީމަ އެމަސައްކަތުގައި އަޅުގަނޑު މިއަދު މިހުރީ." ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު މިވަގުތު ހިނގަނީ އެންމެ ރަނގަޅަށް ކަމަށް ޤަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.

"އަޅުގަނޑަށް ޤަބޫލުކުރެވެނީ ރާއްޖޭގެ ރައްޔިތުން ވަރަށް ފަޤީރުވެއްޖެ ކަމަށް. ރާއްޖޭގައި އެއްވެސްކަހަލަ ޕްރިޖެކްޓެއް ނުއެއް ހިނގާ." ޖަމީލް ވިދާޅުވިއެވެ.

އިތުރަށް ޖަމީލް ވިދާޅުވީ، ރާއްޖޭގެ ޤާނުނުތަކާއި، އެހެން ކަންކަމަށް ބެއްލެވި ނަމަވެސް ރައްޔިތުންނަށް "ގޮތެއް" ނުފެންނަ ކަމަށާއި، ފެންނަނީ ވަކި ގޮތަކަށް ކަންތައްތަކެއް ބައްޓަން ކޮށްގެން ގެންދާތަން ކަމަށެވެ. އަދި އެކަންކަން ހުއްޓުވަންޖެހޭ ކަމަށްވެސް ޢޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ