ބާސެލޯނާއެކު ހަދާފައިވާ އެއްބަސް ނިމުމަކަށް ގެނައުމުގެ ބާރު ކެޕްޓަން ލިއޮނަލް މެސީ އަތުގައި އެބައޮތެވެ.
ރިޕޯޓްތައް ބުނާގޮތުން ކޮންމެ ސީޒަނެއް ނިމުމަށްފަހު މެސީ ބޭނުންނަމަ ބާސެލޯނާއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެވޭނެއެވެ. ބާސެލޯނާއާއެކު މެސީ ހަދާފައިވާ އެއްބަސްވުމުގެ ރިލީޒް ކްލޯޒްގެ ދަށުން އެއްބަސް އުވާލުމުގެ ބާރު ކޮންމެ ޖޫން 30 އެއްގައި މެސީއަށް މިބާރު ލިބޭއިރު، ބާސެލޯނާއާއެކު މެސީ މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2021 އަށެވެ.
މެސީގެ އިތުރުން ޕުޔޯލް، އިނިއެސްތާ އަދި ޒާވީއަށްވެސް އެމީހުންގެ އުމުރުން 32 އަހަރު ފުރުމަށްފަހު ބާސެލޯނާއިންވަނީ މިބާރު ދީފައެވެ.
އުމުރުން 32 އަހަރުގެ މެސީއަށް އިތުރު ހުށަހެޅުމަށް މިހާރުވެސް ބާސެލޯނާއިން މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.
"މެސީއާއެކު ބާސެލޯނާއިން މިހާރު ހަދާފައިވާ އެއްބަސްވުމުގައި އޮތީ ބާކީ ދެއަހަރު. އެކަމު މިހާރުވެސް އޭނާ ދައްކަމުންދާ މޮޅު ކުޅުމާއެކު ވީހާވެސް ގިނަ ދުވަހަކު އޭނާ ކްލަބުގައި ބެހެއްޓޭތޯ މަސައްކަތް ކުރާނަން." ބާސެލޯނާގެ ރައީސް ބުންޏެވެ.
އަނިޔާގައިހުރި މެސީ މިސީޒަންގައި އަދި ބާސެލޯނާއަށް މެޗެއް ކުޅެދީފައެއް ނުވެއެވެ.



