މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގައި ހިމެނޭ ދެ ފުލުހުން ތިބީ ސަސްޕެންޑް ކޮއްފަ ނޫން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ވަޒީފާގެ މައްސޫލިއްޔަތުން ދުރުކުރުމަކީ ރަސްމީ މަސައްކަތުން ދުރުކުރުން ކަމަށާއި، ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކުރާނީ އެ ދެ ފުލުހުންގެ މައްޗައް ޕްރޮފިޝަނަލް ސްޓާންޑާޑް ކޮމާންޑުން ތަހުގީގު ކުރުމަށްފަހު، މައްސަލައިގެ ގޮތް ނިންމުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުއަށް އެ މައްސަލަ ވެއްދުމުން ޑިސިޕްލިނަރީ ބޯޑުން ސަސްޕެންޑް ކުރަން ނިންމެވުމުން ކަމަށެވެ. އަދި ފުލުހުން ސަސްޕެންޑް ކުރެވޭނީ މި ރަސްމީ ޕްރޮސެސް ފުރިހަމަ ކުރުމަށްފަހުގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ރިލްވާން ގެއްލުވާލި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ފުލުހުން ވަނީ އިއްޔެ މަސްޢޫލިއްޔަތުން ދުރުކޮއްފިއެވެ.
މިދެފުލުހުންނަކީ އޭރުގެ އިމިގްރޭޝަންގެ ވެރިޔާއާ ހަސަން އަލީއާ ބައްދަލުކޮއް، ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް އޭނާގެ ޕާސްޕޯޓު ހޯދުމަށް މަސައްކަތްކުރި ފުލުހުންނެވެ. އެއީ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. އެމީހުން ހައްޔަރު ކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ރޭ ވަނީ ފުލުހުންނަށް އަންގާފައެވެ.
ރިލްވާނު ރަހީނުކޮށް މަރާލި މައްސަލާގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓާ ގުޅޮގެން ފުލުހުންގެ އިސްވެރިން ރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ބައްދަލުކޮށްފައެވެ.




