މިނިވަން ނޫހުގެ ލިޔުންތެރިޔާ މ.ޝައިނިންގސްޓަރ، އަޙްމަދު ރިޟްވާން ޢަބްދުﷲ ގެ މައްސަލައިގައި ހިމެނޭކަމަށް ބުނަމުންދިޔަ ޕޮލިސް އިބްރާހީމް ޚަލީލް އާއި އަޙްމަދު ހަމީދު ޢަބްދުއްރަހީމްގެ އެއްވެސް މައްސަލައެއް ނެތްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރިޕޯޓްގައި މި ދެ ފުލުހުންގެ ނަން ހިމަނާފައިވަނީ، އެފަރާތްތަކަކީ އެ ކޮމިޝަނަށް ބަޔާންދެއްވި ފަރާތްތަކަކަށްވާތީ ކަމަށެވެ.
"ކޮމިޝަނުގެ ޑްރާފްޓް ރިޕޯޓްގައި މި ސަރވިސްގެ ދެ ފުލުހުން ކަމަށްވާ އިބްރާހީމް ޚަލީލް އާއި އަޙްމަދު ހަމީދު ޢަބްދުއްރަހީމްގެ ނަން ފާހަގަކޮށްފައިވަނީ، އެފަރާތްތަކަކީ އެ ކޮމިޝަނަށް ބަޔާންދެއްވި ފަރާތްތަކަކަށްވާތީކަމަށް އަންގާފައިވޭ. އަދި އިބްރާހީމް ޚަލީލް އާއި އަޙްމަދު ހަމީދު ޢަބްދުއްރަހީމްގެ އެއްވެސް މައްސަލައެއް އޮތްކަމަށް އެ ކޮމިޝަނަށް ފާހަގަނުކުރެވޭކަމަށް ވަނީ އަންގާފައި." ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ޕޮލިސް އޮފިސަރެއް ކަމަށްވާ މުޙައްމަދު ފަޔާޟް އިސްމާޢީލް މަރުތައް ތަޙްޤީޤުކުރާ ކޮމިޝަނަށް ދިން ބަޔާނުގައި ފުށުއެރުންތަކެއް ހުރުމުން އެކަން އިތުރަށް ތަޙްޤީޤު ކުރުމަށް ފުލުހުގައި އެ ކޮމިޝަނުން އެދިފައިވާ ކަމަށެވެ.
ޕޮލިސް އިންޓެލިޖެންސް އޮފިސަރ މުޙައްމަދު ޖިނާޙުއާއި އިބްރާހީމް ރިފްޢަތުގެ މައްޗަށް ޖިނާޢީ ދަޢުވާ ކުރާނެ ފަދަ ހެކި ނެތްކަމަށާއި، އެ މައްސަލައިގައި އިދާރީ ފިޔަވަޅު އެޅުމަށް އެ ދެ ފުލުހުންގެ މައްސަލަަ އިތުރަށް ތަޙްޤީޤު ކުރުމަށް މަރުތައް ބަލާ ކޮމިޝަނުން ވަނީ ފުލުހުންނަށް އަންގާފައެވެ.
މިނިވަން ނޫހުގެ ލިޔުންތެރިޔާ މ.ޝައިނިންގސްޓަރ، އަޙްމަދު ރިޟްވާން ޢަބްދުﷲ ގެ މައްސަލައިގައި ހިމެނޭކަމަށް ބުނަމުންދިޔަ ޕޮލިސް އިބްރާހީމް ޚަލީލް އާއި އަޙްމަދު ހަމީދު ޢަބްދުއްރަހީމްގެ އެއްވެސް މައްސަލައެއް ނެތްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވިއިރު، ބައެއް ސިޔާސީ ވެރިން ވަނީ މި ފުލުހުންގެ ސަރވިސް ނަންބަރާއެކު އާއްމުކޮށްފައެވެ.
މިކަންކަމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ބައެއް ފުލުހުންގެ ނަމާއި ފޮޓީ މީސްމީޑީއާގައި އާއްމުކޮށް ފުލުހުންނާ ދިމާކުރުމުގެ ކަންކަންވެސް ކޮށްފައެވެ.



