ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ނޫސްވެރިންގެ ބައްދަލުވުން - ފޮޓޮ ރައީސް އޮފީސް

ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭކަމަށް ކޮމިޝަނުން ވިދާޅުވޭ - ފުލުހުން

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް، އެ ކޮމިޝަނުން ބުނެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވެފައިވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲގެ މައްސަލައިގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން މީޑިއާއަށް ހާމަކުރި މަޢުލޫމާތުތަކާ ގުޅިގެން މިރޭ ނެރުއްވި ނޫސްބަޔާނެއްގައެވެ.

ފުލުހުން ވިދާޅުވީ، ކުރިންވެސް ހާމަކޮށްފައިވާ ފަދައިން "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަން" އުފެއްދީންސުރެ އެ ކޮމިޝަނަށް ފުރިހަމައަށް އެއްބާރުލުންދީ، ފުލުހުގައި ހުރި ރިޟްވާން މައްސަލަ އާއި ގުޅޭ އެންމެހާ މަޢުލޫމާތު އަދި ލިޔެކިޔުންތައް ހިއްސާކުރަމުންދާ ކަމަށެވެ.

"މި ސަރވިސް އިން ކޮށްދޭން އެ ކޮމިޝަނުން އެދިވަޑައިގެންނެވި އެއްވެސް ކަމެއް ނުކޮށްދީގެން ކޮމިޝަނުގެ ތަޙްޤީޤަށް އެއްވެސް ދަށްޗެއް ނުވާކަމަށާއި، އަދި ކޮމިޝަނުގެ ތަޙްޤީޤަށް މި ސަރވިސްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް ޤަބޫލު ކުރައްވާކަމަށް ކޮމިޝަނުން ވިދާޅުވެފައިވޭ." ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން މިހެން ވިދާޅުވިއިރު، މަރު ކޮމިޝަނަށް އަދުގެ ފުލުސް އޮފީހުން އެއްބާރުލުން ނުދެއްވާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ