ދިވެހިރާއްޖެއަށް ބޭނުންވާ އިސްލާހު ގެނައުމަށްޓަކައި މިއަދު ކުރަންޖެހިފައިވާ ޤައުމީ މަސައްކަތްތައް، އެންމެ "ފާޓު ފުޅާކޮށް" ކުރެވޭނީ ޕްރޮގްރްސިވް ކޯލިޝަނަށް ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، އަތޮޅުތެރޭގައި ތިއްބެވި އެ ޕާޓީގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅުގައި އދ.ދަނގެތީ ސަޕޯޓަރުންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަން މިއަދު ތިބީ، އިދިކޮޅުގައި، ސަރުކާރު ހިންގާ ކޯލިޝަން ޒިންމާދާރު ކުރުވުމަށްޓަކައި ނަމަވެސް، ކުރެވޭނެ މަސައްކަތްތަކެއް ހުންނާނެ ކަމަށާއި، ޤައުމީ ގުރުބާނީއެއް ވުމުގައި އިސްވެ ހުންނަވާނެ ކަމަށެވެ.

"ރާއްޖެ މިއަދު މިއޮތް ހާލަތުން އަޅުގަނޑުމެން ބޭނުންވަނީ އަލުން ރައްޔިތުން އެދޭ އުފާވެރި ހާލަތަކަށް، އުފާވެރި މަންޒިލަކަށް ރާއްޖެ ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ޤައުމީ ގުރުބާނީއެއް ވުމުގައި އަޅުގަނޑުމެން އިސްވެ މަސައްކަތްކުރަން. މި މަސައްކަތް އެންމެ ފާޓު ފުޅާކޮށް ކުރެވޭނެ ބައެއްކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ އަޅުގަނޑުމެންނޭ. އެހެންވެގެން އަޅުގަނޑުމެންގެ މި މަސައްކަތުގައި، މި ދަތުރުގައި ޑރ.ޖަމީލުވެސް އަނެއްކާވެސް ބައިވެރިވެވަޑައިގެން އެ މަސައްކަތް ފެއްޓެވީ." ޑރ.ޖަމީލާއެކު ފެއްޓެވި އާ މަސައްކަތާ ގުޅޭގޮތުން ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ހުރިހާ ފަރާތްތަކަށް މަރުޚަބާ ކިޔޭނެވަރުގެ ބޮޑު ހިތެއް ޕާޓީގައި އެބައޮތް ކަމަށާއި، ހުރިހާ ފަރާތްތަކަށް މަރުޚަބާ ކިޔާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީއަކީ އަޅުގަނޑުމެންގެ ވިސްނުމުގައި އަދި އަޅުގަނޑުމެންގެ އިޙްސާންތެރިކަމުގައި ހުރިހާ އެންމެންނަށްވެސް ގުޅެވޭނެ ޕާޓީއެއް. ސިޔާސީ ފިކުރުގެ ތަފާތުވުން ތިއްބެވިނަމަވެސް އަޅުގަނޑުމެން ޕާޓީގައި، އަޅުގަނޑުމެންގެ އެވަރުގެ ބޮޑު ހިތެއް އެބައޮތް، ހުރިހާ ބޭފުޅުންނަށް މަރުޚަބާ ކިޔާވަރުގެ ބޮޑު ހިތެއް އެބައޮތް." ރައީސް ޔާމީން ވިދާޅުވިއެވެ.

އިތުރަށް ރައީސް ޔާމީން ވިދާޅުވީ، އެއްވެސް ބޭފުޅަކު ދޫކޮށްނުލައްވާނެ ކަމަށާއި، ޕާޓީއާ ގުޅިވަޑައިގެން ޕާޓީގެ އާއްމު މެންބަރުންގެ ލޯބި ހޯއްދެވުން އެދިލައްވާ ކަމަށެވެ.




