މާލޭ މާފަންނުގައި ހިންގަމުން އައި މޮބައިލް ފޯނު ފިހާރައެއް ފަޅާލައިގެން ވައްކަން ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މާފަންނުގައި ހުރި މޮބައިލް ފޯނު ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ފިހާރައަށްވަދެ ވައްކަން ކޮށްފައިވާކަމުގެ މަޢުލޫމާތު ރޭ ފަތިހު 05:00 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
"އެ ފިހާރައިން ވަގަށް ނަގާފައިވަނީ 18 މޮބައިލް ފޯނުކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.




