ކުޑައިރުގެ ކުޅިވަރުތައް އަދިވެސް މާ މަޖާ، ހަނދާން އެބަހުރިތަ؟

މީގެ ވިއްސަކަށް އަހަރު ކުރިއަށްޖެހިލަމާ ހިނގާށެވެ. އެއީ ސްމާރޓް ފޯނު އާންމުވުމުގެ ކުރިއެވެ. މިހާރު ކޮންމެ ކުއްޖަކަށް ގޭމު ކުޅެން ފޯނު ލިބޭހެން އެދުވަސްވަރަކީ ފޯނު ލިބެންހުރި ދުވަސްވަރެއްނޫނެވެ. އެކަމަކުވެސް އުފާވެރި ދުވަސްތަކެކެވެ.

އެދުވަސްވަރު ފޯނާއިނުލައި ކުޅުނު ކުޅިވަރުތައް އަދިވެސް މާމަޖަލެވެ. އަވައްޓެރި އެކުވެރިންނާއިއެކު މަގުމަތީގައި ވެލީގައި ކުޅުނު ކުޅިވަރުތައް ހަމަޔަގީނުންވެސް ނަވާރަސަތޭކައިގެ ކުދިންގެ ހިތަކުން ނުފިލާނެއެވެ. އަކުން ބަކުން، ފަސްއޮއް، މުޝި ގެ، ފިއްލި ފިއްލި، އައިސްވޯޓާ، ބަތްކައްކާ މިހެންގޮސް އެތައް ކުޅިވަރެކެވެ.

ބޮޑުހެނދުނާ ފަށާ ކުޅިވަރުތައް އިރުއޮއްސޭއިރުވެސް އޮންނަނީ ނިންމާލަން އަވަސްވެފައެވެ. ބަނޑުހައިކަން އިހުސާސްވާނީވެސް މަންމަމެން އައިސް ކޮންމެފަހަރަކު ހަނދާން ކޮށްދިނީމައެވެ. ކެއުމެއް ބުއިމެއްނެތި ކުޅިވަރުގައި އުޅެނީ ފޫހިކަމެއް ނެތިއެވެ. ކުޅިވަރަކަށްފަހު ކުޅިވަރެކެވެ.

ބަތްކައްކާ ކުޅެއް އުޅެފައި ފޫހިވީމައި ދެން ދުއްވައި ގަންނާނީ އެހެންކުޅިވަރަކާއި ދިމާލަށެވެ. އައިސްވޯޓާ، ފިއްލި ފިއްލި، މުށިގެ ނުވަތަ މިކަހަލަ ކޮންމެވެސް އެހެން ކުޅިވަރެކެވެ. އަތިރިމައްޗަށް ގޮސް ދޮންވެލިގަނޑުގައި އަކުންބަކުން ނުވަތަ ފަސްއޮއް ކުޅެން ފަށައިފައި މާގިނަ އިރެއް ނުވަނީސް އޮންނާނީ މޫދައް އެރެން ވެފައެވެ. މަންމަމެން ކައިރިން ހުއްދަހޯދުމެއްވެސް ގިނަފަހަރު ނޯވެއެވެ. މެންދުރު މޫދައްއެރޭ ގޮތައް އެއްގަމަށް އަރާނީ މަންމަމެން ބަލާ އައުމުންނެވެ. މިއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ.

ސްމާރޓް ފޯނާއި ލެޕްޓޮޕް ތަކާއި ނުލައި އޭރު އަވީގައި މަގުމަތީ ކުޅުނު ކުޅިވަރުތައް އަދިވެސް މާ މަޖާވެފައި ހިތްގައިމެވެ. ހިތާމައަކީ އޭރުގެ ކުޅިވަރުތަކުގެ އުފާވެރި ތަޖުރިބާތައް މިހާރުގެ ކުޑަކުދިންނަށް މިހެން ކިޔައިދިނަސް އިހުސާސް ނުކުރެވޭނެތީއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ